ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް "ފެހި ދިރުން އެކްސްޕޯ 2025"ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބާއްވާ ފެހި ދިރުން އެކްސްޕޯ 2025އަކީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ޤައުމީ ދަނޑުވެރިންގެ ދުވަހަކީ މި މަހުގެ 15ވަނަ ދުވަސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ މި މަހުގެ 16 އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހަކީ މި މަހުގެ 4ވަނަ ދުވަހަށްވުމާއެކު މި ތިން ދުވަސް އެއްކޮށް ފާހަގަކުރުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ފެހި ދިރުން އެކްސްޕޯއަށް ފެށުމަށްޓަކައި ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާގެ ޕާމަނެންޓް ސެކެޓްރީ މުހައްމަދު އަނީސް ވިދާޅުވީ، ފެހި ދިރުން އެކްސްޕޯގެ ތެރެއިން މި ދާއިރާގަ މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ އުފެއްދުންތައް ފެނިގެންދާނެކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އަޅުގަނޑުމެންގެ މި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރީންގެ ދުވަހާއި އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބޭއްވޭ އެންމެ ކުލަގަދަ ހަރަކާތްކަމަށްވާ ފެހި ދިރުން އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް މިދަނީ. މި އެކްސްޕޯގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދާނެ ރާއްޖޭގެ ދަނޑުވެރި ސިނާޢަތުގެ އިމްޕުޓް ސަޕްލަޔަރުން ގަސްކާނާއަށް ބޭސްވިއްކާ ފަރާތްތައް ފެންނާނެ. ދޫނި ޖަނަވާރުގެ ކަންތައްތައ މި އެކްސްޕޯއިން ފެނިގެންދާބެ. އަދި އޭގެއިތުރުން މިނިސްޓްރީގެ ސްޓޯލްތައް ހުންނާނެ". މުހައްމަދު އަނީސް ވިދާޅުވިއެވެ.
ފެހި ދިރުން އެކްްސްޕޯ އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށް ހުޅުމާލެ ފޭސް 2 ރުއްގަނޑު 3 ގައެވެ. މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" މި ޝިޢާރެވެ.
ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރެވެ. 2009ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ފާހަގަކުރަނީ 16 ވަނަ ދަނޑުވެރިންގެ ދުވަހެވެ