ޚަބަރު

ޙައްޖުވެރިންގެ ރައްކާތެރިކަމަށް އައު ޓެގެއް ބޭނުންކުރަނީ


  • މިއީ މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން އެޑްވާންސް ޓެގެއް

  • ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި މިޓެގްތައް ޓެސްޓުކުރުމުގެ މަރުހަލާ ފަށާނެ

އައު ޚިދުމަތްތަކާއެކު ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރު އައު ޓެގެއް ބޭނުންކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން 1447 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްވަމުންނެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ. އޭރު މިޑިވައިސް ދީފައިވަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ޙައްޖަށްދާ ކޮންމެ މީހަކަށްވެސް ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ޙައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ 1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓުތައް ނެގުމާއި މީގެ އިތުރުންވެސް ޙައްޖުވެރިންނާއި ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ޝަކީލް ވިދާޅުވީ 1446 ވަނަ އަހަރުގެ ޙައްޖަކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުގެ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ގެންދެވުނު އަހަރުކަމަށެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް ޙައްޖުވެރިންގެ ފަރާތުންނާއި އަދި އެނޫންގޮތްގޮތުން ލިބޭ ޝަކުވާތަކަށް ބަލައި ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖައްދާ މީހުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަކަމަށެވެ.

އެގޮތުން ޙައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމަށް ޓެގް ބޭނުންކުރުމަކީ ކުރެވުނު މުހިންމުކަމެއް ކަމަށް ޝަކީލް ވިދާޅުވިއެވެ. 2024 ވަނަ އަހަރުވެސް ޙައްޖަށް ދިޔަ ގިނަ ބަޔަކު ގެއްލުންކަން ފާހަގަކުރައްވާ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ޓެގް ބޭނުންކޮށްގެން އެފަރާތްތައް ފަސޭހަކަމާއެކު ހޯދިފައިވާކަމަށެވެ. މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ޝަކީލް ވިދާޅުވީ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން އައު ޚިދުމަތްތަކާއެކު ޙައްޖުވެރިންނަށް ޚާއްސަ ޓެގެއް ބޭނުންކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިއީ މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގެއްކަމަށް ވިދާޅުވިއެވެ. މިޓެގްތައް ޓެސްޓްކުރުމުގެ މަރުހަލާގެ މަސައްކަތް ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ފަށާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

"މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގަކަށް ދިޔުމަށްޓަކައި މިދަނީ މަސައްކަތްކުރަމުން. އެގޮތުން ކުރިއަށް އޮތް އުމްރާތަކުގައި އެ ޓެގް ޓެސްޓުކުރުމުގެ މަސައްކަތް ފަށާނަން. ޙައްޖުގައި އެ ޓެގްތައް ބޭނުންކުރުމުގެ ކުރިން ޓެސްޓުކުރެވި އެ ޚިދުމަތްތައް ބަލައި އޭގައި އެއްވެސް މައްސަލައެއް އުޅޭކަމަށްވާނަމަ ހައްލުކުރުމަށްވެސް ނުވަތަ އޭތި ބޭނުންކުރާނީތޯ ނުވަތަ ކުރިން ބޭނުންކުރަމުން އައި ޓެގްތައް ބޭނުންކުރާނީތޯވެސް މިދަނީ ބަލަމުން. ޓެކްނޮލޮޖީއަށް ބަލާއިރު ވަރަށް އެޑްވާންސް ޓެގްތަކެއް" ޝަކީލް ވިދާޅުވިއެވެ.

ޙައްޖު މޫސުމަކީ އެހެން މަސްތަކާއި އަޅާބަލާއިރު މައްކާގެ ޙަރަމްފުޅުގައިވެސް މީހުން ގިނަ މޫސުމެކެވެ. އެހެންކަމުން ވީނުވީ ނޭނގި މީހުން ގެއްލޭ މައްސަލަތަކަކީ މީގެ ކުރިންވެސް ފެންމަތިވާ މައްސަލަތަކެވެ. ޚާއްސަގޮތެއްގައި ޙައްޖަށް ދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމުން ގެއްލުމަށްފަހު ނުފެނި ގިނަ ވަގުތުވެސް މީގެ ކުރިން ހޭދަވެފައިވެއެވެ.