ޚަބަރު

މިއަދުވެސް، މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑު ގަދަވާނެ


  • ކ.އަތޮޅުން އައްޑޫ ސިޓިއަށް ހުދު ސަމާލުވަނީ ނެރެފައި

  • ސަމާލު ނެރެފައިވަނީ ހެނދުނު 10:00އިން ހަވީރު 4:00އާ ހަމައަށް

މިއަދުވެސް ރާއްޖެއަށް މޫސުން ގޯސް ކަމަށާއި، ވައިދަވެ ކަނޑު ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކ.އަތޮޅުން ފޭށިގެން އައްޑޫސިޓިއަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 10:00އިން ހަވީރު 4:00އާ ހަމައާށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ފެށޭ ހަފްތާގަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މޫސުން ގޯސްވެ ވަގަދަވީ ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް24 ގަޑިއިރު، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އަދި މުޅި ރާއްޖެއަށްވެސް ކަނޑު ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއުރުތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ.ދަރަވަންދޫއަށެވެ. އެގޮތުން ދަރަވަންދޫއަށް 9.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.