މި މަހުގެ 22 އިން 31 އަށް ބަހްރެއިންގެ މަނާމާގައި ބާއްވާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ބައިވެރިވާ ބީޗް ވޮލީބޯޅަ ޓީމު ފުރައިފިއެވެ.
މިއީ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުން ވާދަކުރާ ފުރަތަމަ ފަހަރެވެ. ބަޙްރެއިންއަށް ފުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަބުދުﷲ ޝަރަފް އަލީ، މުހައްމަދު އިކުރާމް އިސްމާއިލް ރަޝީދު، އަޒްކާ ބިންތް މުހައްމަދު ސިދުގީ އަދި އައިޝަތު ދީމާ ނަދީމެވެ. އަޒްކާ އާއި ދީމާއަކީ ކ. ހުރައަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެ ދެކުދިން ގިނައިން ޓްރޭނިންތައް ހަދާފައިވަނީވެސް ހުރާގައެވެ.
އޭޝިއަން ޔޫތު ގޭމްސްއަށް ބީޗް ވޮލީބޯޅަ ޓީމު ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކޯޗު އަދުނާން އަބްދުލްހަމީދު ބުނީ މިފަދަ ބޮޑެތި މުބާރާތްތަކުގެ ތަޖްރިބާ މަދުނަމަވެސް ކުޅުންތެރިންނާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
އަދުނާން ބުނީ ދެމަހަށްވުރެ ގިނަދުވަހުގެ ފަރިތަކުރުންތަކަށްފަހު ޓީމު ބަޙްރެއިނަށް ފުރާފައިވަނީ ރަނގަޅު ތަޖްރިބާތަކެއް މި މުބާރާތުން ހޯދުމުގެ އަޒުމުގައެވެ.
ކުރިން ތަޖުރިބާކޮށްފައި ނެތް މުބާރާތެއްނަމަވެސް މި މުބާރާތުގައި ދިވެހި ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެ މަތީ ފަންތީގެ ކުޅުންތެރިންގެ ސްޓައިލާއި އެ ކުޅުންތެރިންގެ އުކުޅުތައް ދެނެގަތުމަށް ރާއްޖޭގެ ކުޅުންތެރިންނަށް މިއީ މުހިންމު މުބާރާތަކަށްވާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ކޯޗު ބުނީ ކުޅުންތެރިންގެ ސުކޫލް ޓެސްޓު ދުވަރާ ދިމާވެ ފަރިތަކުރުންތައް ގެންދިއުމަށް ހުރަސްތައް ކުރިމަތިވިނަމަވެސް ކުދިން ކުރި ހިތްވަރާއި ބެލެނިވެރިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ވޮލީބޯލް އެސޯސިއޭޝަނަށް ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން އެއްބާރުލުމާމެދުވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ރާއްޖޭއިން އޭޝިއަން ޔޫތު ގޭމްސްގައި ބީޗް ވޮލީބޯޅައިގައި މިއަހަރު ވާދަކުރާއިރު މިއަހަރަކީ ތާރީހީ އަހަރެކެވެ. އެއީ އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީބޯޅައިގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި ރާއްޖޭގެ ރެފްރީ އިސްމާޢީލް އަބްދުالله (އިންމަ) ހިމަނާ އޮފިޝަލްކަން ކުރުމުގެ ފުރުސަތު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އޭނާއަށް ދީފައިވާތީއެވެ.
ބީޗްވޮލީގެ ތަޖްރިބާކާރު ބައިނަލްއަގްވާމީ ރެފްރީ ހުސެއިން މުހައްމަދަށް ފަހު އޭވީސީގެ ރެފްރީކަމުގެ ދަރަޖަ އޮންނަ ރާއްޖޭގެ ދެވަނަ ރެފްރީ އިސްމާއިލް ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން އަދި ފިރިހެން ކެޓަގަރީގެ ފައިނަލް މެޗުގައިވެސް ރެފްރީކަން ކޮށްފައެވެ.