ނުވަ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ 10 މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ހުސައިން ނިހާދު އާއި މުޙައްމަދު ފަޔާޒް އަދި އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައެވެ.
ކުޅިވަރުގެ ވުޒާރާ އާއި އެމްޓީސީސީއާއި ދެމެދު ވެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ލ. މާވަށު އެފްއާރްސީގެ މަސައްކަތާއި އެރަށުގެ ވޮލީކޯޓުގެ މަސައްކަތެވެ. އަދި ލ. ފޮނަދޫ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އިތުރުން ލ. ހިތަދޫ ވޮލީކޯޓުގެ މަސައްކަތާއި ހއ. ވަށަފަރު ވޮލީކޯޓުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.
އޭގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ކ. އަތޮޅުގެ ފަސް ރަށެއްގެ އެފްއާރްސީގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެއީ މާފުށި، ތުލުސްދޫ، ދިއްފުށި، ހިންމަފުށި އަދި ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެފްއާރްސީތަކުގެ މަސައްކަތެވެ.
ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެވެމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ. މިމަސައްކަތުގެ މަޤްސަދަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއަކަށް ހެދުމެވެ.