އަހަރެއްހާ ދުވަހުގެ ތެރޭގައި ބަންކަރިން ޚިދުމަތުން 192 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. މިދިޔަ އަހަރު ސެޕްޓެންބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
މި ޚިދުމަތް ފެށިފަހުން މިދިޔަ އަހަރުގެ ނިޔަލަށް އެ ޚިދުމަތުން 44.9 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އޭގެ ފަހުން މިއަހަރު މަހުން މަހަށް ލިބޭ އާމްދަނީ ދިޔައީ އިތުރުވަމުންނެވެ. މި ޚިދުމަތަށް އަހަރެއްވެގެންދާއިރު ޚިދުމަތް މެދުނުކެނޑި ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަނީ މިހާތަނަށް އެސްޓީއޯ މެދުވެރިކޮށް ލިބިފައިވާ އާމްދަނީގެ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވާފައެވެ. މިގޮތުން މި ޚިދުމަތް ފެށުނު ފަހުން މިހާތަނަށް 192،149،939ރ. ގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިމުއްދަތުގައި ޓެކުހުގެ ގޮތުގައި 17،360،589.10ރ. ދައްކާފައިވާ ކަމަށް ވަޒީރު ވިދޅާުވިއެވެ.
ބަންކަރިން ޚިދުމަތް ފަށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މީގެ ތެރޭގައި %83 އަކީ ލޯ ސެލްފަރ ފިއުލްކަން ފާހަގަކުރަން. މިއީ ދިވެހިރާއްޖެއަށް މީގެ ކުރިން ގެނެސްގެން ބަންކަރކުރި އެއްޗެއް ނޫން އެހެންވެ އެކަން އަޅުގަނޑު ހަމަ ދަންނަވައިލ.ީ" ވަޒީރު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ. ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ.