ޚަބަރު

ކްލަބް މޯލްޑިވްސް: އެޗްޑީސީ ކަޓުވާލާ ސްޓެލްކޯ ކުއާޓަރ ފައިނަލަށް


  • ބީއެމްއެލް 2 - 6 އާރްއާރްސީ

  • ޓީޓީއެސް 4 - 7 އެމްއޭސީއެލް

  • ސްޓެލްކޯ 2 - 1 އެޗްޑީސީ

  • މޯލްޑިވިއަން 4 - 2 ދިރާގު

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ސޯޅަ ބުރުން މުބާރާތުގެ ފޭވަރިޓުން، އެޗްޑީސީ ކަޓުވާލުމަށްފަހު ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ކުއާޓަރ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ގަދަ ސޯޅަ ބުރުގެ ގުރުނެގުނު ހިސާބުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއްމެޗު ކަމުގައިވާ ސްޓެލްކޯ އާއި އެޗްޑީސީ ބައްދަލުކުރި ވާދަވެރި މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 2-1 ނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސްޓެލްކޯއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުނާފް ރަޝީދެވެ.

ސްޓެލްކޯގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ފަހު ކޮޅު ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނާއިހު މުުފީދެވެ. ސްޓެލްކޯއިން ދެ ގޯލްގެ ލީޑެއް ނެގުމާއެކު މެޗުގެ ފަހުކޮޅު އެޗްޑީސީއިން ކީޕަރު ބަދަލުކޮށް ޕަވަރ ޕްލޭގެ ބޭނުންކޮށް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު ޖަހައިދިނީ ހުސެއިން ސުހެއިލްއެވެ.

މުޅި މެޗުގައިވެސް ފެނިގެންދިޔައީ އެޗްޑީސީއިން އެޓޭކްކޮށް ސްޓެލްކޯގެ ގޯލަށް ނުރައްކާކުރަމުންދިޔަ މަންޒަރެވެ. އަދި މެޗުން މޮޅުކޮށްދިނުމުގައި ސްޓެލްކޯ ޓީމުގެ ރަޝިއާ ގޯލްކީޕަރު މުހައްމަދު ކުރި ސޭވްތައް ފާހަގަކޮށްލެވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ރަޝިއާ ކީޕަރު މުހައްމަދެވެ.

ސްޓެލްކޯގެ އިތުރުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މޯލްޑިވިއަން، އެމްއޭސީއެލް އަދި އާރްއާރްސީވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ދެ ޓީމު ކަމުގައިވާ ބީއެމްއެލް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރި މެޗު އާރްއާރްސީ ކާމިޔާބުކުރީ 6-2 ނެވެ.

މިމެޗު ފަށައިގެން އާރްއާރްސީ އަށް ލީޑު ނަގައިދިނީ ޝަނާން ރަޝާދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެހެންނަމަވެސް ބީއެމްއެލްއިން ވަނީ ފުރަތަމަ ހާފްގައި އިޝާން އާއި މުޒްދާންގެ ލަނޑުތަކުން ލީޑު އަނބުރާލާފައެވެ. އާރްއާރްސީ ކޮޅަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އަނބުރާލީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް 1 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ތިން ލަނޑުންނެވެ.

މިލަނޑުތައް އެޓީމަށް ކާމިިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އާއި އާދަމް ނާސިޙް އަދި އިބްރާހިމް އަސްވަދެވެ. އާރްއާރްސީ ލީޑު ފުޅާކުރީ މެޗު ނިމެން އުޅެނިކޮށް ނާސިޙް އާއި ޝަނާން ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އިބްރާހިމް އަސްވަދެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ކުޅެވުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މެޗަކީ އެމްއޭސީއެލް އާއި ޓީޓީއެސް ބައްދަލުކުރި މެޗެވެ. މިމެޗު އެމްއޭސީއެލް ކާމިޔާބުކުރީ 7-4 ނެވެ.

މިމެޗު ފަށައިގެން ފުރަތަމަ ހާފްގައި އެމްއޭސީއެލް ވަނީ 3 ލަނޑު ޖަހާ މެޗުގައި ލީޑް ނަގާފައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޒެއިރާއި އަހުމަދު ހަމީދު އަދި އިޒްޔާން އިބްރާހިމްގެ ލަނޑުތަކުންނެވެ.

ދެވަނަ ހާފްގައި ކުޅެން ނިކުމެ ޓީޓީއެސް އިން ވަނީ ފަހަތުން އަރާ 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޓީޓީއެސްގެ ފުރަތަމަ ލަނޑު އަލީ އަލްސަން ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑަކީ އެމްއޭސީއެލް ކުޅުންތެރިއެއް ފައިގަޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނަ ލަނޑު ޓީޓީއެސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާ މުހައްމަދު ރިޒާއެވެ.

އެމްއޭސީއެލްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފްގެ ފަހުކޮޅު ލިބުނު ދުރު ޕެނަލްޓީއަކުން އަހުމަދު ހުސާމްއެވެ. މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އަނބުރާލަން ޓީޓީއެސްއިން މަސައްކަތް ކުރީ އެޓީމުގެ ގޯލްކީޕަރުވެސް ކުރިއަށް އަރުވައިގެންނެވެ. އަދި މީގެ ބޭނުންހިފާ ހުސްގޯލަކަށް ދުރުން ބޯޅަ ވައްދާލައިގެން އެމްއޭސީއެލްއިން ވަނީ އިތުރު 3 ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެމްއޭސީއެލްގެ ކެޕްޓަން އަހުމަދު ހަމީދެވެ.

ގަދަ ސޯޅަ ބުރުގައި ރޭ ކުޅުނު ފަހު މެޗު މޯލްޑިވިއަން ބައްދަލުކުރީ ދިރާގާއެވެ. މިމެޗު މޯލްޑިވިއަން ކާމިޔާބުކުރީ 4-2 ނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް މޯލްޑިވިއަންއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުﷲއެވެ.

ދެވަނަ ހާފްގައި ކުޅެން ނިކުމެ ދިރާގުން ވަނީ ދެ ލަނޑު ޖަހާ މެޗުގައި ކުރިއަށް ޖެހިލާފައެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަނީޒް އާއި އަޝްފާގް އަހުމަދެވެ.

މޯލްޑިވިއަން މިމެޗު ކާމިޔާބުކުރީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ އިބްރާހިމް ނަދާދުގެ ޖަހައިދިން 3 ލަނޑާއެކުއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ނަދާދުއެވެ.