އޭޝިއަން ޔޫތް ގޭމްސްއަށް ދާ ބީޗް ވޮލީޓީމާ މެދު އުންމީދު އެބައޮތް ކަމަށާއި، ހުޅުމާލޭގައި އޮތް ބީޗް ވޮލީބޯޅަ ކޯޓަށްވުރެ ރަނގަޅު ކޯޓެއް ލިބިއްޖެނަމަ ބީޗް ވޮލީ ޓީމަށް މިހާރަށްވުރެ ރަނގަޅަށް ޓްރޭނިންތައް ހެދޭނެ ކަމަށް 17 އަހަރުން ދަށުގެ ބީޗް ވޮލީ ޓީމަށް އިރުޝާދުދެމުން އަންނަ އަދުނާން އަބްދުލްހަމީދު ބުނެފިއެވެ.
ހުޅުމާލޭގައި ކުރިޔަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށްދިން ހާއްސަ އިންޓަވިއުއެއްގައި އަދުނާން ބުނީ ދެމަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފައިވާކަމަށާއި، އެހެންނަމަވެސް އެދޭތެރެއިން އަތޮޅުތެރޭގައި އޮތް އިންޑޯ މުބާރާތްތަކަށް ކުޅުންތެރިން ފޮނުވަން ޖެހުނުކަމަށެވެ. އަދި އެ މުބާރާތްތަށްފަހު އަލުން ކުދިން މާލެ ގެނެސްގެން ޓްރޭނިންތައް ދެމުން އަންނަ ކަމަށެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް ދާ އަންހެން ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނަކީ ކ. ހުރާ ދެ ކުދިން ކަމަށާއި، އެ ކުދިންގެ ޓެސްޓް ދުވަސްވަރަށްވާތީ މިދޭތެރެއިން ފަރިތަކުރުންތަކަށް މާލެ ނުގެނެވޭ ކަމަށް ކޯޗު ފާހަގަކުރިއެވެ.
އެހެންނަމަވެސް ހުރާގައި އެހެން ކޯޗެއްގެ އެހީގައި އެ ކުދިންވެސް އޭޝިއަން ޔޫތް ގޭމްސްއަށް އަންނަނީ ފަރިތަކުރަމުން ކަމަށް ކޯޗު އަދުނާން ބުންޏެވެ.
އަދި އަންހެން ދެ ކުޅުންތެރިންވެސް ޓެސްޓް ފެށުމުގެ ކުރިން ފަރިތަކުރީ މާލޭގައި ކަމަށާއި، މާލެ ގެނެސްގެން ދެ ގަޑިއިރު ޕްރެކްޓިސް ކުރުވާފަ އަނބުރާ ހުރައަށް ފޮނުވާލަނީ ކަމަށް ކޯޗު ބުންޏެވެ.
އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ބީޗް ވޮލީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަބުދުﷲ ޝަރަފް އަލީ، މުހައްމަދު އިކުރާމް އިސްމާއިލް ރަޝީދު، އަޒްކާ ބިންތް މުހައްމަދު ސިދުގީ އަދި އައިޝަތު ދީމާ ނަދީމެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް ކުޅުންތެރިން ވެފައިވާ ތައްޔާރީތަކާމެދު ހިތްހަމަޖެހޭ މިންވަރު ހާމަކުރަމުން ކޯޗު ބުނީ ފިރިހެން ދެ ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް އުންމީދު އެބައޮތް ކަމަށެވެ.
"17 އަހަރުން ދަށުގެ އޭޝިއަން ޔޫތް ގޭމްސްއަކީ ކޯޗަށް ވަރަށް އާ ގޭމްސްއެއް. އަޅުގަނޑު އެކްސްޕީރިއަންސް ކޮށްފައި ނެތް ގޭމްސްއެއް. އެކަމަކުވެސް ފިރިހެން ކުދިންގެ ޓީމާމެދު ވަރަށް އުންމީދު އެބައޮތް ކޯޗަށް. އަންހެން ކުދިން އެކަމު ތަންކޮޅެއް ދަށްކޮށް އުޅެނީ. އެކަމަކުވެސް ރަނގަޅުވާނެ" ކޯޗު އަދުނާން ބުންޏެވެ.
މިމަހުގެ 22-31 އަށް ބަހްރޭންގެ މަނާމާގައި އޮންނަ އޭޝިއަން ޔޫތް ގޭމްސްއަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ފުރަން ހަމަޖެހިފައިވަނީ 17 އޮކްޓޫބަރުގައެވެ.