ޚަބަރު

ޑެބްރޭނާގެ ދެ ލަނޑާއެކު ބެލްޖިއަމް މޮޅުވެއްޖެ


ވޯލްޑްކަޕް ކޮލިފައިންގައި ވޭލްސް އާއި ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގައި ކެވިން ޑެބްރޭނާ ޖެހި ދެ ލަނޑާއެކު 4-2 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެއްޖެ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖޭ ގައި ކުޅުނު މި މެޗުން ބެލްޖިއަމް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ނޯތް މެސެޑޯނިއާ އެއް މެޗު އިތުރަށް ކުޅެގެން ހަތް މެޗުން ވަނީ 13 ޕޮއިންޓް ހޯދާފަ އެވެ. ވޭލްސް އަށް ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ.

ވޭލްސް ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކްރެއިގް ބެލަމީގެ އިރުޝާދުގެ ދަށުން ވޭލްސް ކުޅުނު މި މެޗުގެ 8 ވަނަ މިނިޓުގައި ޖޯ ރޮންޑޮން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ޕެނަލްޓީ އޭރިޔާ ތެރެއިން އިތަން އަމްޕަޑޫ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ބެލްޖިއަމް އަށް ލިބުނު ޕެނަލްޓީ އަކުން ކެވިން ޑެބްރޫނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ބެލްޖިއަމް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ތޯމަސް މުއެނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 76 ވަނަ މިނިޓުގައި ބެލްޖިއަމް އަށް ލިބުނު އިތުރު ޕެނަލްޓީ އަކުން ކެވިން ޑެބްރޫނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ވޭލްސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ނަތަން ބްރޯޑްހެޑް ކާމިޔާބުކޮށްދިން ނަމަވެސް އޭގެ މިނިޓެއް ފަހުން ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން ވޭލްސް ބަލިވުމާއިއެކު ކޮލިފައިން ބުރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތަށް ވަނީ ނިމުން އައިސްފަ އެވެ. އެހެންކަމުން އެ ޓީމަށް ޖެހޭނީ އަންނަ މާޗު މަހު ފެށުމަށް ހަމަޖެހިފައިވާ ޕްލޭއޮފް މެޗުތައް ކުޅުމަށެވެ.