އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ކާމީޔާބީއަކަށް އެދިވަޑައިގެން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ. 
ރައީސުލްޖުމްހޫރިއްޔާ ގައުމީ ޓީމާއި ބައްދަލުކުރައްވާފައިވަނީ މިއަދު ސިޓްރޯން ރެސްޓޯރެންޓުގައެވެ. މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު އަދި ގައުމީ ޓީމުގެ މެނޭޖަރު އަޙްމަދު އައްބާސްވެސް ބައިވެރިވަޑައިގެންނެވިއެވެ. 
ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ވާންޖެހޭ ތައްޔާރީތައްވުމުގައި ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. 
އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަންވެސް ވީި އެންމެ ރަނގަޅަކަށް ހަމަޖައްސައިދެވޭތޯ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކުޅުންތެރިންނަށް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. 
		
										
			ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކުޅިވަރެއް ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ދަނޑެއް އެޅެންދެން ގަލޮޅު ދަނޑުގައިވެސް ވީ އެންމެ ރަނގަޅަކަށް ކަންކަން ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަމަށެވެ. 
އަދި ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކުޅުންތެރިންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 
ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރު ދިޔައީ އެކަށީގެންވާ ވަރަށް ފުޓްބޯޅަ ކުޅޭނެ ފުރުސަތު ނުލިބި ކަމަށާއި، އެހެންނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ކުރިއަށް އޮތްތަނުގައި ކޮށްދެއްވާނެކަމުގެ ޔަގީންކަން ހުރިހާ ކުޅުންތެރިންނަށްވެސް ދެއްވާ ކަމަށެވެ. އަދި ކުޅިވަރު ގާނޫނަށް އައިސްފައިވާ ބަދަލުތަކާއެކު ކުޅިވަރުގެ ގިނަ ވަސީލަތްތައް ގާއިމުކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ރަށްރަށުގައިވެސް ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. 
		
										
			މީގެ އިތުރުން ދާދިފަހުން ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖެއިން ކާމިޔާބުކޮށް ޓްރޮފީ ހޯދާފައިވާތީ ގައުމީ ޓީމަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ. މިއީ ހަތް އަހަރަށްފަހު ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ. 
އޭޝިއަން ކަޕް ކޮލިފައިންގައި ދެން ރާއްޖޭގެ ގައުމީ ޓީމު އެންމެ އަވަހަށް ކުޅޭނީ މި މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗެވެ. އަދި މިމަހުގެ 14 ގައި ތަޖަކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށްފަހު، ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެއެވެ. އެއަށްފަހު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެވެ.