ކުރިއަށް އޮތް މެޗުތަކުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، އަދި ނަތީޖާ އަނބުރާލާނެކަމުގެ ޔަގީންކަން ކުޅުންތެރިންނާ މެދު އެބައޮތް ކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ. 
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެދެވޭ ނަތީޖާތަކެއް ގްރީން ސްޓްރީޓްސްއަށް އަދި ނުނެރެވުނަސް އެ ނަތީޖާ އަދި ބަދަލުކުރެވޭނެ ކަމަށް ނިސްތާރު ބުންޏެވެ. 
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް ވަނީ 1-2 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި 0-1 ގެ ނަތީޖާއަކުން ވިކްޓްރީއަތުން ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައެވެ. 
ގްރީން ސްޓްރީޓްސްއަށް އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިނުވާއިރު، މިވަގުތު އޮތީ ލީގުގެ ހަތްވަނައިގައެވެ. 
ނިސްތާރު ބުނީ ފުރަތަމަަ ދެމެޗުގައިވެސް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި ދެން ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަން ފާހަގަ ކުރަމުން ނިސްތަަރު ބުނީ ފަރިތަކުރުންތައް މަދުވުން އެއީ ބަހަނާއެއްކަމަށް  ނުބަލާނެ ކަމަށެވެ.  
ގްރީން ސްޓްރީޓްސްއިން ސީޒަން ފެށީ ވަރަށް ޒުވާން ސްކޮޑަކާއެކުގައެވެ. އަދި މިދިޔަ ސީޒަނުގެ ތަޖުރިބާހުރި ބައެއް ކުޅުންތެރިންވެސް އެ ކުލަބުގައި އެބަތިއްބެވެ.