ޚަބަރު

ސަލީބާގެ ކޮންޓްރެކްޓް އައު ކޮށްފި


އާސެނަލް އަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރ ވިލިއަމް ސަލީބާ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައު ކޮށްފި އެވެ/

އުމުރުން 24 އަހަރުގެ ސަލީބާ އާއިއެކު އާސެނަލް އިން ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ ފަސް އަހަރު އިތުރުކޮށް 2030 ގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑުކުރުވަން އާސެނަލް އިން ވަނީ ނިންމާފަ އެވެ.

2019 ވަނަ އަހަރު ފްރެންޗް ލީގުގެ ކްލަބް ސެއިންޓް އެޓިއެން އިން އާސެނަލް އާއި ގުޅުނު ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކްލަބަށް ފަހުން ދޫކޮށްފަ އެވެ. އަދި އޭގެ ފަހުން ފްރާންސްގެ މާސޭ އާއި ނީސް އަށް ވެސް އޭނާ ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ކުޅެފަ އެވެ.

ސަލީބާ އަލުން އަނބުރާ އާސެނަލް އަށް ގެނެސް މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އާސެނަލް އަށް 137 މެޗު ކުޅެފަ އެވެ.

2027 ގެ ނިޔަލަށް ސަލީބާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އޮތްއިރު ސްޕެއިންގެ ގަދަ ބާރު ކަމުގައިވާ ރެއާލް މެޑްރިޑް އިން އޭނާއަށް ޝައުގުވެރިވާކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ސަލީބާ އާސެނަލް އާއިއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެ ޓީމުގެ ޑިފެންޑަރު ގެބްރިއެލް މަގަލާއީސް ވެސް ވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ނިންމާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށެވެ.