އީރާންގައި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކެއް ބިނާކުރުމަށް ރަޝިޔާއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އީރާނުން ރަޝިޔާއާ އެކު ނިއުކްލިޔަރ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއް އެކުލަވައިލާފައި މި ވަނީ، އީރާނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް އެ ޤައުމުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނާ އެކު ނިއުކްލިޔަރ ދާއިރާއިން ފަހުމުނާމާއެއް އެކުލަވައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ރަޝިޔާގެ ދައުލަތުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ކުންފުނި، ރަސްއަތަމުންނެވެ. އެ ކުންފުނީގެ ވެރިޔާ އަލެކްސީ ލިޚަޗޮފާއި އީރާނުގެ ނައިބު ރައީސް އަދި ނިއުކްލިޔަރ ދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު އަލް-އިސްލާމީ ސޮއި ކުރައްވާފައިވާ ފަހުމުނާމާގެ ދަށުން 2040ވަނަ އަހަރުގެ ކުރިން އީރާނުގައި ނިއުކްލިޔަރ ހަކަތަ އުފައްދާ އަށް މަރުކަޒު ޤާއިމު ކޮށްދޭނެ ކަމުގައި ރަސްއަތަމުން ހާމަކުރިއެވެ. އެ ކުންފުނިން ސިފަ ކުރި ގޮތުގައި މިއީ ވަރަށް ރޭވުންތެރި އެއްބަސްވުމެކެވެ.
އިސްލާމީ ވިދާޅުވީ، 2040ވަނަ އަހަރުގެ ކުރިން އީރާނުން ނިއުކްލިޔަރ ހަތަކަ އުފައްދާ މިންވަރު 20 ގިގަވޮޓަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ކަން ކުރުމަށް ރަޝިޔާއާ އެކު ސޮއި ކޮށްފައިވާ ފަހުމުނާމާގެ ދަށުން، އެ ޤައުމުގެ އަށް ސަރަޙައްދެއްގައި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތައް ޤާއިމު ކުރެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ވަގުތު އީރާނުގައި ހުރީ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ މަރުކަޒެކެވެ. އަދި، އެ ތަނުގެ ކެޕޭސިޓީއަކީ ނުވަތަ އެ ތަނުން އުފެއްދެނީ އެންމެ 1 ގިގަވޮޓުގެ ހަކަތައެވެ. މިއާ އެކު، ކަރަންޓު ބޭނުން ކުރާ މިންވަރު ޢާންމު ގޮތެއްގައި އިތުރުވާ މަސްތަކުގައި ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން ވަނީ އިތުރުވެފައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅުވައި ހުޅަނގުގެ ބާރުތަކުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ އިޤުތިޞާދީ ފިޔަވަޅުތައް ދެމެހެއްޓުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ސެޕްޓެންބަރު 19ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ކަމަށް އެދި ހުށަހަޅާފައި ވަނީ އީ3ގެ ނަން ދީފައިވާ ވިލާތުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ. ރަޝިޔާއިން ވޯޓުލާފައި ވަނީ އެ ކަމާ ދެކޮޅަށެވެ.
އެ ނިންމުމާ އެކު، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ހުޅަނގާއި އެމެރިކާއިން ބޭނުންވާ ކުރިއެރުންތައް ހާސިލު ނުކުރެވިއްޖެ ނަމަ، ސެޕްޓެންބަރު 28ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވިގެންދާނެއެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ އިޤުތިޞާދީ ފިޔަވަޅުތައް އިތުރަށް ދެމެހެއްޓުމަށް ނިންމުމުން އެ ޤައުމުން ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި، އެ ނިންމުމާ އެކު، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)އާ ގުޅިގެން މަސައްކަތް ކުރުން ހުއްޓައިލާނެ ކަމަށް ބުނެ، އީރާނުން ވަނީ އިންޒާރު ކޮށްފައެވެ.
އީ3ގެ އިތުރުން އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި، 2015ވަނަ އަހަރު އީރާނާއި ހުޅަނގާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމާ އީރާނުން ދަނީ ޚިލާފުވަމުންނެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2018ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރެއްވުން ހުއްޓައިލައްވާފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ. ޓްރަމްޕްގެ ނިންމުމާ އެކު، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް އީރާނުން ފުޅާކޮށްފައިވާ ކަމުގައި އީ3ގެ ޤައުމުތަކުން ތުހުމަތު ކުރެއެވެ.
އީރާނުން ހިންގަމުންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުންތަކުގައި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ. ނަމަަވެސް، އީރާނުން ދަނީ އެ ތުހުމަތު ދޮގު ކުރަމުންނެވެ. އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، އީރާނުން ދުވަހަކު ވެސް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމުގައެވެ.