ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން "ދަނޑުން ދުޅަހެޔޮކަން" މިނަމުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އުތުރުގެ 3 އަތޮޅެއްގައި ހިންގައިފިއެވެ.
މިއީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ފަރާތުން ޞިއްޙަތަށް ފައިދާ ހުރި ކާނާގެ މުހިންމުކަމާއި ގުޅޭ ގޮތުން ހއ، ހދ، އަދި ށ ގެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިޕްރޮގްރާމް ކުރިއަށްދިޔައީ މިމަހުގެ 19 އިން 24 އަށެވެ.
މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ރަށްރަށުގެ ރައްޔިތުން، ޚާއްސަކޮށް ދަނޑުވެރިންނަށް ފައިދާ ހުރި ކާނާ ބޭނުންކުރުމުގެ މުހިންމުކަމާއި، ރަށުން ލިބެން ހުރި ނުވަތަ ގޭގައި ހައްދާ ތަކެތި ދުވަހުގެ ކެއުމުގައި ހިމެނުމުގެ މުހިންމުކަން ބުނެދިނުމެވެ.
މި ޕްރޮގްރާމް ހއ. މޮޅަދޫގައި ބޭއްވީ 19 ސެޕްޓެމްބަރުގައެވެ. މިސެޝަންގައި 9 މީހުން ބައިވެރިވެރިވިއެވެ. 20 ސެޕްޓެމްބަރު ގައި ހއ. އިހަވަންދޫގައި ބޭއްވި ސެޝަންގައި 31 މީހަކު ބައިވެރިވިއެވެ. ގައި ހދ. ނޮޅިވަރަންފަރުގައި 31 ފަރާތަކާއި އެކު 21 ސެޕްޓެމްބަރުގައި މި ސެޝަން ކުރިއަށް ގެންދިޔައިރު ހދ. ކުމުންދޫގައި މި ސެޝަން ކުރިއަށް ގެންދިޔައީ 22 ސެޕްޓެމްބަރުގައެވެ. މި ސެޝަންގައިވެސް 31 ފަރާތަކުން ބައިވެރިވިއެވެ. މީގެ އިތުރުން 23 އަދި 24 ސެޕްޓެމްބަރު 2025ގައި ށ. ކަނޑިތީމާއި ށ. ގޮއިދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންތައް ކުރިއަށްގެންދިޔައީ ބައިވެރިން، އަމަލީ ގޮތުން ކެއްކުމުގެ ބައެއްވެސް ހިމަނައިގެންނެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންގޮސްދެއްވީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓެއްގެ ދަށުން، ރާއްޖޭގެ ތަޖްރިބާކާރު ޑައިޓީޝަނުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.