ޚަބަރު

ރާއްޖޭގެ 4 އަތޮޅެއްގެ ހުރިހައި ރަށެއްގައި ފުލުހުން ޚިދުމަތް ދޭން ފަށައިފި


  • ހުރިހާ ރަށެއްގައި ޚިދުމަތް ފަށާފައިވަނީ ގއ، ވ، ފ، އަދި ކ.އަތޮޅުގައި

  • ފުލުހުންގެ ޚިދުމަތް ދޭނީ އަވަށްޓެރި ފުލުހުންގެ ނަޒަރުން

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 4 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ތ. ވޭމަންޑޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.

މިމަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ މާލެ ސަރަހައްދު ނުހިމެނޭހެން މިހާތަނަށް 4 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ.

"އަތޮޅުތަކަށް ބަލާއިރު، ގއ. ވ. އަދި ފ. އަދި ކ. އަތޮޅު، އެއީ ގްރޭޓަރ މާލެ އޭރިއާ ނުލާ މިދެންނެވި 4 އަތޮޅުގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި. އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް ފެއްޓުމާއެކު އަޅުގަނޑުމެން ބަލާނީ އަވަށްޓެރި ފުލުހުންގެ ނަޒަރަކުން އަވަށްޓެރި ފުލުހުންގެ މަސައްކަތާއެކު ފުޅާވެގެންދިއުން. އަދި ތަހުޤީޤުކުރުމާއި އެހުރިހާ ކަމެއްވެސް ދާނީ އެގޮތަށް." ސީޕީ ނަވީން ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ 4 އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްވެގެން ދިއުމަކީ، ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ޚިދުމަތް ތައާރަފުވުމާއެކު މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުން މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް ފުލުހުން ޚިދުމަތް ޤާއިމްވެފައި ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ދިނުމަށް ވަގުތީ ގޮތުން ތަންތަން ހެދިފައިވާ ރަށްރަށުގައި ފުރިހަމަ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތްވެސް ފަށްޓަވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމެވެ.