ޚަބަރު

ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރާނީ އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި


  • މިގޮތަށް އަމަލުކުރަން ފަށާނީ 1 އޮކްޓޯބަރުން ފެށިގެން

  • ބަދަލާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވާނެ

އަންނަ މަހުގެ 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މޯލްޑިވްސް ޕޯޓްސް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. އެމްޕީއެލް ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމާ އެކަން އިޢުލާންކޮށްފައިވަނީ މިމަހުއެވެ.

މިކިއު ތަޢާރަފްވުމާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރކުރެވޭނީ މިކިޔުގެ ތެރެއިން ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިބަދަލާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުންނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

މޯލްޑިވްސް ޕޯޓްސްއިން ވިދާޅުވީ، އޮކްޓޯބަރު 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. މިކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްއިން ވަނީ މިކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރ ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެއިތުރުން މިކިއުގައި ބައިވެރިވުމަށް ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީކުރެވިފައިވާ ވެހިކަލްއަކަށް ވާންޖެހުމާއި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަކަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލުން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.