ތ.ކަކޮޅަސް ވަންދޫއާ ހަވާލުކުރެވިގެންދިއުމަކީ ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށާއި، އެއްބަސްވުން އިތުރަށް ފުޅާކޮށް ރަށުގެ މަންފާ މިހާރަށްވުރެ ބޮޑަށް ވަންދުއަށް ލިބޭގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވަންދޫގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ރާވާފަވާކަން ރައީސް ހާމަކުރެއްވިއެވެ.
ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވާ މަސައްކަތަކީ ބަނދަރުގެ މައްސަލަ ޙައްލުވުންކަމަށްވާއިރު، މި ދަތުރުގައި ސޮއިކުރި އެއްބަސްވުމާއެކު ބަނދަރުގެ މައްސަލަ އެއްކޮށް ޙައްލުވާނެކަމަށެވެ. އަދި މިއާއެކުއެކީގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނޭތީ، އެމައްސަލައަށްވެސް އަވަސް ޙައްލެއް އަންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ތ. ކަކޮޅަސް ވަންދޫއާ ހަވަލުކުރީ ރަށާއި، ރައްޔިތުންނަށް ތަރައްޤީ ހޯދައިދީ އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށްކަމަށެވެ. އެހެންކަމުން، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރަށުން މަންފާ ހޯދޭނެ ގޮތް ކައުންސިލަށް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިތުރު ލުއިތައް އަދި ހެޔޮ ބަދަލުތައް އެއްބަސްވުމަށް ގެންނާނަން. އަދި އެރަށުން ކައުންސިލަށް އިތުރު ފައިދާތައް ހޯދޭނެ ގޮތްތައް އޮތްތޯ ބަލާ، އެކަމަށް ފަހިކޯށްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަންދޫގައި ފަށާފައިވާ މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ފެނަކައާ ހަވާޅުކޮށް، ލައިޓް ޖަހައި ޓާފު އަޅާ ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމަވާނެކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ބީލަމަށް ހުޅުވާލުމުގެ މަރުހަލާގައި އޮތްކަމަށާއި، ޢަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށެވެ. އަދި ސްކޫލްުގެ އައު އިމާރާތުގެ މަސައްކަތްވެސް މިއަހަރު ޢަމަލީގޮތުން ފައްޓަވާނެކަމަށް ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގެ މަގުތައްވެސް ތަރައްޤީކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ފެން ހިންދާ ރަނގަޅު ނިޒާމެއްވެސް ޤާއިމުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާކާއި ޖިމެއްގެ މަސައްކަތްވެސް ކުރިއަށް ރޭވިފަވާކަމަށް ރައީސް ވިދާޅުވިއެވެ.