ފަލަސްޠީނުގެ ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ ދެމެދު ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމު އަލުން ހަމަޖައްސައިދިނުމަށް ހުޅަނގުގެ ޤައުމުތަކުން ގޮވާލައިފިއެވެ. އެ ޤައުމުތަކުން ވަނީ، ޣައްޒާގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ބޭސް ފަރުވާ ކޮށްދިނުމަށް ޚަރަދުކުރުމަށާއި، ޞިއްޙީ ޚިދުމަތްތެރިންނާއި ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ.
ގިނަ ޤައުމުތަކަކުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ބަލިމީހުން ހުޅަނގު އައްސޭރިއަށް ގެންދެވޭނެ މަގު އަލުން ހުޅުވައިދިނުމަށް ޒަޔަނިސްޓު ޔަހޫދީންގެ ކިބައިން އެދޭ ކަމަށެވެ. އަދި ބޭހާއި ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. އެ ބަޔާނުގައި ސޮއިކޮށްފައިވާ 24 ޤައުމުތަކުގެ ތެރޭގައި އޮސްޓްރިޔާއާއި ބެލްޖިއަމްއާއި ކެނެޑާއާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ވިލާތުގެ އިއްތިޙާދާއި ޕޮލެންޑު ހިމެނެއެވެ. ނަމަވެސް އެ ބަޔާނުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައިވާ އެމެރިކާއިން ސޮއިކޮށްފައެއް ނުވެއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ކުރިން ވެސް ޣައްޒާގެ ރައްޔިތުންނަށް ބޭސް ފަރުވާ ކުރުމަށް ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސަށް އެތެރެވުމުގެ ފުރުޞަތު ދިނުމަށް ގޮވާލާފައިވާ ގޮވާލުންތަކަށް ނިރުބަވެރި ޔަހޫދީން ދީފައި ވަނީ ބީރު ކަންފަތެކެެވެ.
ނިމުނު އޮގަސްޓު މަހުގެ ފަހުކޮޅު އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާއަށް އެތެރެ ވަނީ އެ ސަހަރަށް ބޭނުންވާ އެހީގެ ސާމާނުގެ ކުޑަ މިންވަރެއް ކަމަށް ބުނެފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށްހެން ފުނޑުފުނޑުވެފައިވާ ކަމުގެ އިންޒާރު ދީފައެވެ.
ޣައްޒާގެ ބަނޑަށް ޖެހިފައިވާ ކުޑަކުދިންނާއި ޒަޚަމްވަމުންދާ ރައްޔިތުންގެ ފޮޓޯތަކާއި ވީޑިޔޯތައް މީސްމީޑިޔާގައި އާއްމުވަމުންދާއިރު ފަލަސްޠީނުގެ ހައްޤުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދަނީ އަޑުއުފުލަމުންނެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އެތައް ޖަމްޢިއްޔާއަކާއި އިލްމުވެރިންނާއި އދގެ ކޮމިޝަނަކުން ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ޙާލަތުގައި ހުޅަނގުގެ ގިނަ ޤައުމުތަކަކުން ދަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންނެވެ. އެ ގޮތުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައެވެ. އަދި ޔަހޫދީންނާއެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް އޮންނަ ސިޔާސަތާ އެއްކޮޅަށް ވެސް ގިނަ ޤައުމުތަކަކުން ދަނީ ވަކާލާތު ކުރަމުންނެވެ.