ޚަބަރު

އާސެނަލް އާއި ސިޓީގެ މެޗު އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލް އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގެ 9 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ކައުންޓަރ އެޓޭކެއްގައި ސިޓީ އިން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ތިން މިޑްފީލްޑަރުން ލައިގެން އާސެނަލް އިން ކުޅެފައިވާ މި މެޗުގައި ޕެޕް ގަޑިއޯލާގެ ސިޓީ އަށް ވަނީ ރަގަޅު ހަމަލާތަކެއް އުފެއްދުމަށް އުނދަގޫވެފަ އެވެ.

މި މެޗުގައި އާސެނަލް އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ކާމިޔާބުކޮށްދީފައިވަނީ ގެބްރިއެލް މާޓިނޭލީ އެވެ.

މާޓިނޭލީ މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ އުބިމެންޓީ އާއި އެބެރިޗީ އެޒޭ ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލާފަ އެވެ. އެގޮތުން ޒުބިމެންޑީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައިވާއިރު, އެޒޭ ފޮނުވާލި ހަމަލާ ސިޓީގެ ގޯލުކީޕަރު ޑޯންނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ.

އާސެނަލް މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އަދި ސިޓީ އަށް ފަސް މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.