ޚަބަރު

ނަތަންޔާހޫ ހުޅަނގުގެ ބާރުތަކަށް: ފަލަސްޠީން ޤާއިމުކުރަން ފުރުޞަތެއް ނުދޭނަން


އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމާ ގުޅިގެން ޔަހޫދީންގެ ޖަވާބު، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރު ނިންމާލުމަށްފަހު ދޭނެ ކަމަށް އޭނާ ބުނެފިއެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ހުޅަނގުގެ ޤައުުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް އާންމުން ގޮވާލައި ގޮވައިލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.

މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅަނގުގެ ބައެެއް ޤައުމުތަކުން ވަނީ އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފައެވެ. މީގެ ކުރިން 140އަށްވުރެ ގިނަ ޤައުމު ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައިވާ އިރު، އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް މިހާރު މި ވަނީ މި ލިސްޓަށް އިތުރުވެފައެވެ. އެ ތިން ޤައުމަކީ ވެސް ޒަމާނުއްސުރެ ޔަހޫދީންގެ ވާގިވެރިންގެ ގޮތުގައި އޮތް ތިން ޤައުމެވެ.

ތިން ޤައުމުގެ ނިންމުމާ ގުޅިގެން ނިރުބަވެރި ނަތަންޔާހޫ ބުނީ ފަލަސްޠީނުގެ މިނިވަން ދައުލަތެެއް ޢުރުދުންގެ ހުޅަނގުގައި ޤާއިމް ނުކުރެވޭނެ ކަމަށެވެ. އޭނާ އާއި އޭނާގެ ބައިވެރިން ދަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމަށް ފާޅުގައި ގޮވައިލަމުންނެވެ.

އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުުގައި ބައިވެރިވުމަށް ނަތަންޔާހޫ މި ވަގުތު ހުރީ އެމެރިކާގައެވެ. އެ ޤައުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ދަތުރު ނިންމައިލުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ނަތަންޔާހޫ އެނބުރި ޔަހޫދީ ދައުލަތަށް ދާނެއެވެ.