ޚަބަރު

"ވިލުންތެރި ރާއްޖެ" ޕްލޭނާއެކު ރައްޔިތުންނަށް ލިބޭ ފައިދާއާއި ކުރިއެރުން މާބޮޑަށް އިތުރުވާނެ: މާލީ ވަޒީރު


  • މިހާރު ކުރަނީ ކޮންސަލްޓޭޝަންގެ މަސައްކަތް

  • ޕްލޭނުން ކުރިއަށް އޮތް 20އަހަރު ދުވަހުގެ ތަޞައްވުރު ކަނޑައެޅޭނެ

"ވިލުންތެރި ރާއްޖެ" ޕްލޭނާއެކު ރައްޔިތުންނަށް ލިބޭ ފައިދާއާއި ކުރިއެރުން މާބޮޑަށް އިތުރުވާނެކަމަށް މާލީ ކަންކަމާއި ތަަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޤައުމީ ޑިވަލޮޕްމެންޓް ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މާލީ ވަޒީރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ކޮންސަލްޓޭޝަންގެ މަސައްކަތް ކަމށެވެ. އަދި މި ޕްލޭންގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތަޞައްވުރު ކަނޑައެޅޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ތަޞައްވުރަކީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ބަދަލުވާ އެއްޗަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން މި ޕްލޭން ތައްޔާރުކުރެވޭނީ ސިޔާސީ ޕާޓީތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ބަޔަކާ ހަވާލުވިޔަސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންވާނެ ކަމުގެ ޔަޤީންކަން އޮންނާނެ. ރައީސާއެކު މި ކުރެވޭ ދަތުރުފުޅުގެ ތެރެއިން ވެސް ކައުންސިލްތަކާއި ކައިރިން މަސައްކަތްކުރެވިގެން މިދަނީ ޚިޔާލު ހޯދުމަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން ނިމިގެން އަންނައިރު، ރައްޔިތުންނަށް ލިބޭ ފައިދާއާއި ކުރިއެރުން މާ ބޮޑަށް އިތުރުވެގެންދާނެ ކަމަށާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއެކު ތަރައްޤީގެ ލަނޑުދަނޑިތައް އަވަހަށް ހާސިލުކުރަން މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި ރާއްޖޭގެ ތިމާވެއްޓާއި ޢުމްރާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.

މި ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހުށައެޅުމަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.