20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކުޅެން ތައްޔާރުވި ބްރެޒިލް ޓީމަށް މިޑްފީލްޑަރު ފްރޭންކޯ މަސްޓަންޓުއޯނޯވެސް ދޫނުކުރަން ރެއާލް މެޑްރިޑުން ނިންމައިފިއެވެ.
އޭނާ ދޫނުކުރަން ނިންމީ އަނިޔާއިން ރަނގަޅު ވަމުން އަންނަ ފޯވަޑް އެންޑްރިކް ފިލިޕޭ ދޫނުކުރަން ނިންމިތާ އެއް ދުވަސް ފަހުންނެވެ. މިހެންވެ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މަސްޓަންޓުއޯނޯ ޓީމުގައި ނުހިމަނަން ނިންމާފަ އެވެ. ނަމަވެސް އެންޑްރިކް ޓީމު ލިސްޓުގައި ޖަހާނެ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މުހިންމު ބައެއް ކުޅުންތެރިން ޓީމުގައި ޖެހެން ނެތީ ކުލަބުތަކުން ކުޅުންތެރިން ދޫނުކުރާތީ ކަމަށެވެ.
"މި މުބާރާތަކީ ބްރެޒިލްއިން ވަރަށް ސީރިއަސްކޮށް ނަގާ މުބާރާތެއް. އެކަމަކު އަހަރުމެންނަށް މިހާރު ދިމާވެފައިވާ މައްސަލައަކީ މިއީ ޓީމުތަކަށް ވެސް މުހިންމު ވަގުތަކަށް ވުމުން ކުލަބުތަކުން ކުޅުންތެރިން ދޫކުރަން ބޭނުން ނުވުން. މިހެންވެ ބައެއް ކުޅުންތެރިން ނުހިމަނާނަން،" ކޯޗު ރޯމަން މެނޭޒްސް ބުންޏެވެ.
ކޯޗު ބުނީ ކުލަބުތަކުން ސީޒަނުގެ މެދުތެރެއިން ގައުމީ ޓީމަށް ކުޅެން ކުޅުންތެރިން ދޭން ބޭނުންނުވުމުން ޓީމު އެކުލަވާކަން އުނދަގޫތަކެއް ހުރި ކަމަށެވެ. ނަމަވެސް އެންޑްރިކްގެ ހާލަތު ބްރެޒިލުން ވެސް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ކުޅުންތެރިޔާ ލައްވައި ކުޅުވުމުގެ ވިސްނުން ގެންގުޅުނަސް އޭނާ އަށް ފިޓްވާން ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި އެންޑްރިކް ލައްވައި ކުޅުވާނީ އޭނާ ފިޓްވެއްޖެކަން ކަށަވަރުވުމުން ކަމަށެވެ.
އެންޑްރިކް ވަނީ އޭނާ އަށް އަނިޔާވުމުގެ ކުރިން ރެއާލްގެ ޓީމުގައި ދޭތެރެއިން ދޭތެރެއިން ކުޅެން ނުކުމެ ގޯލުތަކެއް ވެސް ޖަހައިފަ އެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު މެޗުތަކުގައި ވެސް އޭނާ ގޯލި ޖެހި އެވެ.
20 އަހަރުން ދަށުގެ ކުލަބު ވޯލްޑް ކަޕް އޮތީ 17 ސެޕްޓެމްބަރުން 19 އޮންޓޫބަރަށް ޗިލީގަ އެވެ. ބްރެޒިލް ހިމެނެނީ މި މުބާރާތުގެ މެކްސިކޯ އާއި މޮރޮކޯ އަދި ސްޕޭނާ އެއް ގްރޫޕެއްގަ އެވެ. މުބާރާތުގައި ބްރެޒިލް ކުޅެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށެވެ.