ފ.ނިލަންދޫގެ ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައިފިއެވެ.
މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ އެ ރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ފެއްޓެވުމުގެ އިތުރުން، ފިއުލް ޝެޑް ގާއިމްކުރުމާއި، މަގު ހެދުމުގެ މަޝްރޫއާއި، ދަޅު ބަންދުކުރާ ކާރުހާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތާއި، ވެމްކޯގެ ހިދުމަތް ފެށުމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާންއެވެ.
މި ރަސްމިއްޔާތުގައި ނިލަންދޫގައި ފިއުލް ޝެޑް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްއެވެ. އަދި އިޝާން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އުންމު ކުލްސޫމްއެވެ.
ނިލަންދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ނިލަންދޫގައި ގާއިމްކުރާ ދަޅު ބަންދުކުރާ ކާރުހާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ނިލަންދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް ކައުންސިލާއެކު ވެމްކޯއިން ވަނީ ސޮއިކޮށްފައެވެ. ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުޖްތަބާ ޖަލީލްއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލީ އަޙްމަދެވެ.
ފ. ނިލަންދޫއަށް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ދަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވަމުންނެވެ. އަދި މި މަޝްރޫއުތައް ބާރު ސްޕީޑްގައި ފެށި ވަރަށް އަވަހަށް ނިންމަދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.