ޚަބަރު

ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފި


  • ކަނޑުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަމްރީންދެވޭނެ

  • ތަމްރީން ކުރިއަށްދާނީ މިމަހުގެ 25ގެ ނިއަލަށް

ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިއެވެ.

މިތަމްރީން ކުރިއަށްގެންދަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ލީގަލް އެފެއަރސްގެ ޑިވިޝަން ފޮރ އޯޝަން އެފެއަރސް އެންޑް ލޯ އޮފް ދި ސީއާ ގުޅިގެންނެވެ.

މިތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޙުސައިން ޝަރީފް ވިދާޅުވީ މިޕްރޮގްރާމުގައި ކަނޑުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަމްރީންދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ޤައުމުތަކުގެ އެކި ތަޖުރިބާކާރުން ބައްދަލުވެ، ކަނޑުގެ ވަޞީލަތްތައް ބޭނުންކޮށްގެން އިޤުތިޞާދީ ކުރިއެރުން ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަގުފަހިވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމާއި ދިވެހި އިޤުތިޞާދުގައިވެސް މަސްވެރިކަމުގެ ދާއިރާ މުހިންމު ދައުރެއް އަދާކުރޭ. ރާއްޖޭގެ ޤާނޫނުން މަސްވެރިކަމުގައި ހުރި ނަހަމަ އެތައް ކަމެއް މިހާރު ވަނީ މަނާކޮށްފައި. މީގެ އިތުރުން މަސްވެރިން ބާރުވެރިކޮށް، އިންވެސްޓްމަންޓް ފަހިކޮށްދީ، މަސްވެރިކަމުގެ އުފެެއްދުންތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުން." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް މިތަމްރީން ކުރިއަށްގެންދަނީ މައިގަނޑު ދެ މަޢުޟޫއަކަށެވެ. އެއީ ކަނޑުތަކުގެ ޤާނޫނާއި ގަވަރނަންސްގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކް އެގްރީމެންޓް ތަންފީޒުކުރުން މިއެވެ.