ފެލިދެއަތޮޅު ރަކީދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ އެމަނިކުފާނު ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.
ރަކީދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު ވ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިވަނީ އޭޓީއެމްގެ ޚިދުމަތްދޭން ފެށިފައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށް ޙިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޙިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ގއ، އަދި ގދ އަތޮޅުގައެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.