ޚަބަރު

ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ލުބްނާނަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ހުއްޓުވަން ގޮވާލައްވައިފި


ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން އަނެއްކާވެސް ނިރުބަވެރި ޙަމަލާތަކެއް ދިނުމުން، އެކަމާމެދު ލުބްނާންގެ ބޮޑުވަޒީރު ނުވާފް ސަލާމް ކަންބޮޑުވުން ފާޅު ކުރައްވައި، ޙަމަލާތައް ކުށްވެރި ކުރައްވައިފިއެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲގެ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ ނަމުގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ލުބްނާންގެ ދެކުނުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތިން އަވަށަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ.

ސަލާމް ވިދާޅުވީ، ޙަމަލާތައް ބަދަލުކުރަން މެދުކަނޑައިލަން، އެމެރިކާ އާއި ފަރަންސޭސިވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޙިޒްބުﷲއާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ޔަހޫދީން މިފަދަ ޙަމަލާތައް ދެމުންދަނީ ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން، ޔަހޫދީންގެ މި ނިރުބަވެރި ޢުދުވާނުތައް ހުއްޓުވަން، ޔަހޫދީންނަށް ވަރުގަދައަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ސަލާމް ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ.

ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދިނީ، އާންމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އިންޒާރުދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން، ގިނަ ބަޔަކަށް އެ ސަރަޙައްދުތައް ދޫކޮށް ދިޔުމުގެ ފުރުޞަތު ލިބިފައިނުވާކަމަށް ލުބްނާންގެ މީޑިއާ ރިޕޯޓުތައް ބުންޏެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށެވެ.