ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ޔަމަނަށް ދެމުންދާ ޢުދުވާނުތަކުގެ ރައްދުގައި، ޔަހޫދީންގެ މައި ސަހަރަކަށް ޔަމަނުގެ ޙޫޘީން ޑްރޯން ޙަމަލާއެއް ދީފިއެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބުނީ، އެ ޑްރޯން ވެއްޓިފައިވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ އީލާތު ސަހަރަށް ކަމަށެވެ.
އެ ޑްރޯން ވެއްޓުނު ވަގުތު ބައެއް ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ބުންޏެވެ.
އަދި އެ ޑްރޯން ވެއްޓުނީ، ފުޅާދާއިރާއެއްގައި ފަތުރުވެރިކަންކުރާ އީލާތުގެ ހޮޓާތައް ހުންނަ ސަރަހައްދަށް ކަމަށް ބުނެފައިވެއެވެ.
ޙޫޘީންގެ މި ޙަމަލާ އަމާޒުކޮށްފައިވަނީ، ޔަމަނަށް ޔަހޫދީން ދެމުންދާ ޢުދުވާނުތައް އަނެއްކާވެސް ވަރުގަދަކޮށްފައިވަނިކޮށެވެ.
ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު ޔަހޫދީން އަލް-ޙުދައިދާގެ ބަނދަރަށް ޙަމަލާ ދީފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ޔަމަނަށް ދިން ޙަމަލާތަކެއްގައި ޙޫޘީންގެ އިސްވެރިންތަކެއް ޝަހީދުކޮށްލާފައި ވަނިކޮށެވެ. ޔަހޫދީން އެ ބަނދަރަށް 12 ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ މީގެ ކުރިން ޔަހޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ގެއްލުން ލިބުނު، ނަމަވެސް މިހާރު އަލުން މަރާމާތުކޮށްފައިވާ ތިން ސަރަޙައްދަކަށެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ.
މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.