ޚަބަރު

ހަތަރު އަތޮޅެއްގެ މީހުންދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ރައީސް ފަށްޓަވައިފި


  • ވަޑައިގަންނަވާނީވ، މ، ފ، ތ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް

  • މިއީ 8 ދުވަހުގެ ދަތުރުފުޅެއް

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެއެވެ. ނިލަންދެއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ، ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ އަދި، މުލަކަތޮޅުން، ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުއްޔަށްވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކޮޅުމަޑުލު ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ އަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.