އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލުމުންކަމަށާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތްﷲއަށް އުރެދި ޣާފިލުވުމުންކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "މުޖުތަމަޢު އިސްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫއެވެ.
މުސްލިމުންނަކީ އަމާންކަމާއި، ސުލްޙަވެރިކަމާއެކު އުޅެމުންއައި ބައެއްކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ފަހުގެ ތާރީޚުގައި މުޖުތަމަޢަށް އިޖްތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭކަމެއް ކަމަށެވެ.
މުޖުތަމަޢުގައި މިހާރު އާންމުވެފައިވާ ނުރަނގަޅު އާދަތަކުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުންކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަމަށެވެ.
މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެކަމަށާއި، މިކަން މިހެން އޮތް ހިނދު، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސުންފަދަ ކަންކަން ކުރުމުގައި ނުބައި ކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ.
މިޒަމާނުގައި ބައެއް މީހުން ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުންފަދަ ދީނުގައި ނަހީކުރައްވާފައިވާ އެތަކެއް ފާފަތަކަށް އަރައިގަންނަކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާމެދު މާތް ނަބިއްޔާ މުޙައްމަދުގެ ފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ." ހުކުރު ޚުތުބަގައި ވިދާޅުވިއެވެ.
މީގެއިތުރުން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ވިޔަފާރީގައި ތެދުވެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވިޔަފާރީގައި މަކަރުހެދުމުގެ ނުބައިކަން ފާހަގަކުރައްވާ ޚުތުބާގައިވަނި އެފަދަ ކަންކަމާމެދު ފިކުރުހިންގައި ޢަމަލުތައް ސީދާ ކުރުމަށް ގޮވާލައްވާފައެވެ.