ޚަބަރު

މުޅި ހޮސްޕިޓާލިޓީ ސިނާޢަތް ހިފަހައްޓާ މައި ތަނބަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް: ވަޒީރު ސަޢީދު


  • ފަތުރުވެރިންނާއި ފުރަތަމަ ބައްދަލުކުރާ މުވައްޒަފުން ފޯރުކޮށްދެނީ ޤައުމީ ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވި

  • ވީއައިއޭގެ ބިޒްނަސް ލައުންޖްގައި 270 ފަސިންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ

  • ވީއައިޕީއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ވަނީ ޤާއިމުކޮށްފައި

ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މުޅި ހޮސްޕިޓާލިޓީ ސިނާޢަތް ހިފަހައްޓާ މައި ތަނބަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށް ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގައި މިވަގުތު ކުރިއަށްދާ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް "ކޮވެލި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއްކަމުން، ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫޢަށް އެ މަޝްރޫޢުގެ މަސައްކަތްތައް ވެފައިވާކަމަށެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެންމެ ފުރަތަމަ ބައްދަލުކުރާ މުވައްޒަފުންނަކީ ވީއައިއޭގެ މުވައްޒަފުންކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ ފަތުރުވެރިންނަށާއި ބޭރުން އަންނަ އެކި ފަރާތްތަކަށް ހިތްހެޔޮކަމާއެކު މެޙުމާންދާރީ އަދާކުރުމުގައި އެމްއޭސީއެލްގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް އަދާކުރަމުންދަނީ ޤައުމީ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ.

"ވީއައިއޭ އއަރޕޯޓަކީ އިޤްތިބާދުގެ މައި ސިނާޢަތްތައް ހިފަހައްޓާ މައި ތަނބަށް. އެހެންކަމުން މިއަށްވުރެ ވަކިން މުހިއްމު އެހެން މަސައްކަތެއް ދިވެހި އިޤްތިޞާދުގައި ކުރަން އޮވެދާނެކަމަށް އަޅުގަނޑުމެން އެކަކުވެސް ޤަބޫލެއް ނުކުރާނެ. އެއަރޕޯޓުގެ ތަރައްޤީއަކީ، އެއަރޕޯޓުގެ ޒީނަތްތެރިކަމަކީ، އެއަރޕޯޓަށް އަންނަ ކުރިއެރުމަކީ، އެއަރޕޯޓުގެ މުވައްޒަފުންގެ ހިތްޕުޅުގެ ހިތުގައި އުފެދޭ މެޙުމާންދާރީގެ ޝުޢޫރަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެޙުމާންދާރީއަދާކުރުމާއި، އަދި ދިވެހިރާއްޖޭގެ މޫނުމަތި ސަތައްވުރު ޕޮޒިޓިވްކޮށް، ހިފެހެއްޓުމަށްޓަކައި ތިބޭފުޅުންކުރައްވާ ޤައުމީ ބޮޑު ޖިހާދެއް، މަސައްކަތެއް." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ޚާއްސަ ޚިދުމަތްތައް ހުރުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށެވެ. އަދި ބިޒްނަސް ލައުންޖާއެކު ވީއައިއޭއަށް ބޮޑުކުރިއެރުމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ލައުންޖްގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލުމަކީ ވީއައިއޭގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާކަމެއްކަމަށެވެ.

"ވީއައިއޭގެ ލައުންޖްގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނީ، ކޮންޓްރެކްޓަރާއި އަދި ސަރުކާރާއި އެމްއޭސީއެލްގެ އިތުރުން ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން. މިހުރިހާ ފަރާތަކުންވެސް އެހާ ބުރަކޮށް މަސައްކަތްކުރީ މިކަމުގެ މުހިއްމުކަން ޤަބޫލުކުރެވޭތީ. ބޮޑެތި އެއަރލައިންތަކުން ޚިދުމަތް ފެށުމަށްވެސް ކޮންމެހެން ބިޒްނަސް ލައުންޖެއް ހުންނަކަން ކަށަވަރުކުރާނެ" ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް، ކޮވެލި ހުޅުވާފައިވަނީ ވީއައިޕީ ފަސިންޖަރުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެތަނުން ލިބޭނެ އިންތިޒާމުތަކާއެކުއެވެ. މިގޮތުން އެއްފަހަރާ 270 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް މިލައުންޖްގައި ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ. އެގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ވަކި ސަރަޙައްދުތަކާއި، ކުޑަކުދިންނަށް ޚާއްސަ ސަރަޙައްދެއް ބިޒްނަސް ލައުންޖްގައި ޤާއިމުކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ނުނިމި ހުރިހާ މަސައްކަތެއް ނިންމާ، މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި މުޅި އެއަރޕޯޓު ޚިދުމަތަށް ގެނައުމެވެ.