ޚަބަރު

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތް ބޭއްވޭކަމީ ރާއްޖެއަށް ލިބޭ ބޮޑު ޝަރަފެއް: ރައީސް


  • ރައީސް ވަނީ ޤައުމީ ޓީމަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގެންފައި

  • މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވި

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްހުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޅުދުއްފުށި ސީޓީގައި ފެށި ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވި ޓީމުތަކާއި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް މަރްޙަބާ ދަންނަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ފެށުނު ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށެވެ.

މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަން ފާހގަަކުރައްވައި ރައީސް ވަނީ މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކާއި، މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް މަރްޙަބާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއްކަމަށާއި، އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތަކަށް މި މުބާރާތް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާކަން ހާމަކުރައްވައި ޚާއްސަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވާދައެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ މުބާރާތެކެވެ. ކޮމަންވެލްތް ގައުމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 18-22 އަށް ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުތަކުގައެވެ.

ރާއްޖޭގައި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މި މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުން އަންނަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން ބީޗް ހޭންޑްބޯޅަ ކޯޓުތައް ތައްޔާރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެންނެވެ. ސެޕްޓެމްބަރު 18 ގައި ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ މިޑިއާ ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.

މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތެވެ.