އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކުން އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލައި، އިންޓަރނެޓު ބޭނުން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރުން ކަނޑައަޅައިފިއެވެ. އަފްޣާނިސްތާނުގެ އުތުރުގެ ޕުރޮވިންސުތަކުގެ ސަރުކާރުން ބުނީ، އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލާފައި ވަނީ ބަދުއަޚުލާޤީ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ކަމުގައެވެ.
މީގެ ކުރިން ވެސް، ޠާލިބާން ސަރުކާރުން ވަނީ އިންޓަރނެޓު މެދުވެރިކޮށް ހިންގާ ބަދުއަޚުލާޤީ ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލާފައެވެ. އޭގެ ތެރޭގައި އޮރިޔާން ވީޑިޔޯ ބެލުމާއި، އެ ފަދަ ވެބްސައިޓުތައް ބޭނުން ކުރުމާއި، އިންޓަރނެޓުގެ މަންސަތައް ބޭނުން ކޮށްގެން ހިލޭ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވާހަކަ ދައްކައި، ގުޅުން ބަދަހި ކުރުން ހިމެނެއެވެ.
އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކުން އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލާފައިވާއިރު، މިއީ 2001ވަނަ އަހަރު ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތް ފަހުން މި ފަދަ ފިޔަވަޅެއް އަޅާފައިވާ ފުރަތަމަ ފަހަރެވެ. ޠާލިބާނުންގެ ސަރުކާރުން ބުނީ އިންޓަރނެޓު ބޭނުން ކުރުން މަނާ ކޮށްފައި ވަނީ އެ ޤައުމުގެ އުތުރުގައި އޮތް ކުންދުޛް، ބަދްޚުޝާނީ، ބަޣްލާން، ތިޚާރު އަދި ބަލަޚުގައި ކަމުގައެވެ.
އެ ސަރަޙައްދުތަކުން ކަނޑައިލާފައި ވަނީ ފައިބަރ މެދުވެރިކޮށް ފޯރުކޮށްދޭ އިންޓަރނެޓުގެ ޚިދުމަތްތަކެވެ. ނަމަވެސް، މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލާފައި ނުވާނެ ކަމުގައި ޠާލިބާން ސަރުކާރުން ބުންޏެވެ. މި ނިންމުމާ އެކު، އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކުގެ އޮފީސްތަކާއި، އަމިއްލަ ފަރުދުންގެ ގެދޮރުގެ އިތުރުން ވިޔަފާރިތައް ވެސް މި ވަނީ އިންޓަރނެޓުގެ ޚިދުމަތުން މަޙްރޫމުވެފައެވެ. ސަރުކާރުން ބުނީ، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމުގައެވެ.
އިންސާނީ ޙައްޤުތަކުގެ ދިފާޢު ކަމަށް ބުނެ އެންމެ އަޑުހަރުކޮށް ވަކާލާތު ކުރަމުންދާ އެމެރިކާއިން ވަނީ ޠާލިބާން ސަރުކާރުގެ ނިންމުމަށް ފާޑު ކިޔާފައެވެ. އެމެރިކާއިން އަފްޣާނިސްތާނަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޛަލްމާ ޚަލީލްޛާދާ ވިދާޅުވީ، އިންޓަރނެޓުގެ ޚިދުމަތް މުޅިން ކަނޑައިނުލައި، އިސްލާމީ އެހެން ބައެއް ޤައުމުތަކުގައި އޮރިޔާން ވީޑިޔޯ ބެލުމާއި، އެ ފަދަ ވެބްސައިޓްތަކަށް ވަނުން މަނާކޮށް، ހުއްޓުވާފައިވާ ކަމުގައެވެ.
ހުސްވި އަހަރު ޠާލިބާން ސަރުކާރުން ފާސް ކޮށްފައިވާ އައު ޤަވާޢިދުތަކަކާ މެދު ވެސް އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޤަވާޢިދުގެ ދަށުން ލާޒިމު ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މޫނު ބުރުގައި އަޅައި އަންހެނުންގެ މޫނު ނިވައިކުރުމާއި، ފިރިހެނުން ތުނބުޅި ބެހެއްޓުން ހިމެނެއެވެ. އަދި، ކާރުތަކުގައި ލަވަ ޖެހުން ވެސް ވަނީ މަނާކޮށްފައެވެ. ޠާލިބާނުންގެ ސަރުކާރުން އެ ޤައުމުގެ އަންހެނުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކަމުގައި އެމެރިކާއާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ހުޅަނގުގެ ޖަމުޢިއްޔާތަކުން ޤަބޫލު ކުރެއެވެ.