ޚަބަރު

މަޑިފުށީގެ އިހްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި


  • މަޑިފުށީގެ އިހްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމެނުމަކީ ރައީސްގެ ވަޢުދުފުޅެއް

  • މަޑިފުށީގެ އިހްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް ވަނީ ޝާއިޢުކޮށްފައި

ކޮޅުމަޑުލު މަޑިފުށީގެ އިހްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮޅުމަޑުލު މަޑިފުށީގެ އިހްތިޞާޞްގައި ހިމެނޭ ރަށްރަށުގެ ގޮތުގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޑިފުށީގެ އިހްތިޞާޞްގެ ތެރޭގައި އުފުރިޔަ ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއާއެކު އިޤުތިޞާދީ އިތުރު ފުރުޞަތުތައް ރަށަށް ފަހިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި ރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ވިޔަފާރިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އެ އިންޑަސްޓްރީ އިތުރަށް ފުޅާކުރަން ކަމުގައިވިޔަސް، އެ އިންޑަސްޓްރީގެ ތެރެއިން އިތުރު ސަބް އިންޑަސްޓްރީތައް ފުޅާކުރަން ކަމަށްވިޔަސް، އަދި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރަންވިޔަސް، އަޅުގަނޑުމެން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން." ރައީސް ވިދާޅުވިއެވެ.

މަޑިފުށީގެ އިހްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ރަށްރަށުގެ އިހްތިޞާޞްގައި ނުހިމެނޭ ފަޅު ރަށްރަށް ކައުންސިލްތަކަށް ދެއްވުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ ކަމެކެވެ. މިގޮތަށް ފަޅު ރަށްރަށް ދޫކުރުމުގެ ބޭނުމަކީ އިޤުތިޞާދީ މަސައްކަތްކޮށް، ނަފާވެރިވުމާއެކު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމެވެ.