ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއި ސިއްޙީ ވުޒާރާ ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑީންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމު އިފްތިތާޙްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ، އިބްރާހީމް ނަސްރީން އަދި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއި ސިއްޙީ ވުޒާރާއާ ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމްއަކީ، ސިއްޙީ ރަނގަޅު އާދަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ސިއްޙަތު ރައްކާތެރިކުރުމަށާއި، ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ޕްރޮގްރާމެކެވެ.
"ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު، ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ، މި ޕްރޮގްރާމް މެދުވެރިކޮށް ސިއްޙަތާގުޅޭ ގިނަ މަޢުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ބަލިތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރެވިއްޖެނަމަ އޭގެން މާ ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަންކަން. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ ޕީއެސްއެމްއާ ގުޅިގެން މި ތައްޔާރުކުރާ ޕްރޮގްރާމުގެ ޒަރިއްޔާއިން ތެދު، ރަނގަޅު، މުހިންމު މަޢުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން". ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ، ޕީއެސްްއެމްގެ ޗެނަލްތަކުން އާންމުކޮށް ގެނެސްދޭ ޝޯތަކާ އަޅާބަލާއިރު "ހެލްތް ޓޯކް" ޕްރޮގްރާމް އެތައް ގޮތަކުން ތަފާތުވާނެކަމަށެވެ.
"ޕީއެސްއެމް އިން މިދާއިރާއިން މިހާތަނަށްކުރެވުނު މަސައްކަތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ޤާބިލިއްޔަތު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މި ޕްރޮގްރާމުގެ ހުރިހާކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ހަމައެއާއެކު އާންމުކޮށް އަޅުގަނޑުމެން ގެނެސްދޭ ޝޯތަކާ މިޝޯ ތަފާތުވާނެކަމަށް އުއްމީދުކުރަން. ރާއްޖޭގެ ރަށްތަކަށް ގޮސް އެރަށްތަކުގަ ދިރިއުޅޭ ރައްޔިތުންގެ އާދަކާދަތަކާއި، އެބޭފުޅުންނާ ގުޅޭގޮތަށް މިޕްރޮގްރާމް ބައްޓަންކުރެވިގެން ޒުވާނުންނާއި، އެކި ޖެނެރޭޝަންތަކުގެ، އެކި ފަންތީގެ މީހުންނަށް ޚާއްސަކުރެވިގެން މި ޕްރޮގްރާމް ގެނެސްދިނުމަކީ އަމާޒެއް". ނަސްރީން ވިދާޅުވިއެވެ.
ހެލްތް ޓޯކް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ސިއްޙީ ވުޒާރާއާއި ޕީއެސްއެމްއާދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޙަމްދާން ނާސިރެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.