އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. ރާއްޖޭގައި މި ކޮންފަރެންސް ބާއްވަނީ ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވުމާއި ގުޅިގެންނެވެ.
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްވަނީ އައްޔަންކޮށްފައެވެ.
އޭޝިއަން ބޭންކަރސް އެސޯސިއޭޝަން އަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކުގެ ޖަމީއްޔާއެވެ. އަންނަ އަހަރު ރާއްޖޭގައި ކޮންފަރެންސް ބާއްވާއިރު، ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން ބައިވެރިވާނެއެވެ. ކޮންފަރެންސްގައި އެ ފަރާތްތަކުން ބޭންކިންގ ދާއިރާގެ މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު އެ ބޭންކަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އޭނާ ވަނީ އޭޝިއާގެ ބޭންކިންގ ދައިރާގެ ފަރާތްތަކަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލްއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް އޭބީއޭ ކޮންފަރެންސް ބީއެމްއެލްއިން ރާއްޖޭގައި ބާއްވާފައިވެއެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިންގ ދާއިރާގައި ބިއެމްއެލްގެ ނުފޫޒާއި ލީޑަރޝިޕް އިތުރުވަމުންދާކަން ކަމުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ބޭންކިން ޚިދުމަތް ފޯރުކޮށްދެމުންދާ ބީއެމްއެލްއިން ވިދާޅުވިއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭބީއޭ ކޮންފަރެންސްގައި މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުޞޫތަކާ ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިންގ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.