ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް، ޓީވެޓް ގެ 50ވަނަ އަހަރީ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ، ރާއްޖޭގެ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިނގް، ޓީވެޓްގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކާއި، ޓީވެޓްގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އެގޮތުން، ތިން ދާއިރާއަކުން އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑަކީ ޓީވެޓްގެ ދާއިރާގައި 25 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް ސިޔާސަތު އެކުލަވާލުމުގައި ނުވަތަ މަންހަޖު އެކުލަވާލުމުގައްޔާއި، މުއައްސަސާތައް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
ލޯންގް ސާވިސް އެވޯޑަކީ މޯލްޑިވްސް ޕޮލިޓެކްނިކް އަދި އެހެނިހެން ޓީވެޓް މުއައްސަސާތަކުގެ މުވައްޒަފުންގެތެރެއިން 10،15،20،25 ނުވަތަ 30އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
އެޗީވްމަންޓް އެވޯޑަކީ، އެކްސްޕޯތަކާއި، މުބާރާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެދީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަން ރީތިކޮށްދީފައިވާ މުވައްޒަފުންނަށް ދެވޭ އެވޯޑެކެވެ.
އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްއިން އެކަމަށް އެކަމަށް ޚާއްޞަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި އެ އިންސްޓިޓިއުޓުގެ ކައުންޓަރަށް އަދި އީމެއިލް މެދުވެރިކޮށްވެސް އެވޯޑަށް ހުށަހެޅޭނެއެވެ.
އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25ވާ ބުރާސްފަތިދުވަހުގެ 2:00އާ ހަމައަށެވެ. ރާއްޖޭގެ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގެ 50ވަނަ އަހަރީ ދުވަސް މިއަހަރުގެ އޮކްޓޫބަރުމަހުގެ 14ވަނަ ދުވަހު ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އުފެދިގެން އައީ 1975ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުއެވެ. އޭރު މިތަން އުފެދިގެން އައީ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގެ ނަމުގައި މަސައްކަތް ކުރަން ދަސްކޮށްދޭ މަރުކަޒެއްގެ ގޮތުގައެވެ. އޭރު މި ސެންޓަރުން ވެލްޑިންގއާއ،ި ރެފްރިޖަރޭޝަނާއި އިލެކްޓްރިކަލް ވަޔަރިންގ އަދި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުންފަދަ މުހިންމު މަސައްކަތްތަކެއް ދަސްކޮށްދެމުން ދިޔައެވެ.
އޭގެ ފަހުން، 1996ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް)އަށް މި ސެންޓަރުގެ ނަން ބަދަލުކުރެވިގެންދިޔައެވެ. އަދި 1999ވަނަ އަަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން، ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ނަމުގައި ހިންގާ ތަނަކަށް މިތަން ވެގެންދިޔައެވެ. މިއާއެކު، މި މަރުކަޒުގެ ތަޢުލީމީ ފެންވަރު މަތިވެ، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދިޔައެވެ.
އޭގެ އަހަރުތަކެއް ފަހުން، 2010ވަނަ އަހަރުގެ އެޕްރީލްމަހުގެ 12ވަނަ ދުވަހު، ރަޢީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް ޕޮލިޓެކްނިކް ރަސްމީކޮށް އުފެދިގެންއައެވެ. އެއާއެކު، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ކުރިން ހިންގަމުން އައި ހުރިހާ ފަންނީ ޕްރޮގްރާމްތަކާއި ކޯސްތައް މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަށަށް ގެނެވުނެވެ.