ޚަބަރު

ޔުވެންޓަސް އާއި ޑޯޓްމަންޑްގެ މެޗު އެއްވަރު


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 63 ވަނަ މިނިޓުގައި ޔުވެންޓަސްގެ ކެނާން ޔިލްޑިޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ޑޯޓްމަންޑަށް ކުރި ހޯދަދީފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ފެލިކްސް އެންމޭޗާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޔުވެންޓަސްގެ ޑުސާން ލަހޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައިވަނީ ޔާން ކޯޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ރަމީ ބެންސެބައިނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.

ޔުވެންޓަސް އިން އުންމީދާއިއެކު ކުޅެފައިވަނީ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ލަހޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން އިނގިރޭސިވިލާތުގެ ލޮއިޑް ކެލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޖުމްލަ 8 ލަނޑު ފެނިގެންގޮސްފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ހާފުގައި އަށް ލަނޑު ފެނިގެން ގޮސްފައިވާ ދެވަނަ މެޗެވެ. މީގެ ކުރިން ދެވަނަ ހާފުގައި އަށް ލަނޑު ފެނިފައިވަނީ މިދިޔަ ސީޒަނުގައި ޑައިނަމޯ ޒަގްރެބް އަތުން ބަޔާން މިއުނިކް 9-2 ގެ ނަތީޖާއަކުން މޮޅުވެފައިވާ މެޗުގަ އެވެ.