ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ސްޕެއިންގެ ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި އަލަށް ހަވާލުވި ތޯމަސް ފްރެންކްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ޓީމެއް ކުޅުނު ފުރަތަމަ މެޗުން ޓޮޓްނަމް މޮޅުވިއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ހަތަރުވަނަ މިނިޓުގައި ވިޔަރެއާލްގެ ވިޔަރެއާލްގެ ގޯލުކީޕަރު ލުއިޒް ޖޫނިއަރގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ވިޔަރެއާލްގެ ކީޕަރު ލުއިޒް ޖޫނިއަރގެ އަތުން ބައިކޮޅަށް ލަނޑު ވަދެފައިވަނީ ލޫކަސް ބާރޖްވަލް ނަގައިދިން ހުރަސް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއްގެ މާބޮޑު ޕްރެޝަރެއް ނެތި އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓްނަމް އަށް އެ ޓީމުގެ ލީޑު ފުޅަ ކުރަން ލިބުނު ރަގަޅު ފުރުސަތުގައި ޕާޕޭ މަޓަރ ސާރ ފޮނުވާލި ބާރު ހަމަލާ ވިޔަރެއާލްގެ ގޯލުކީޕަރު ޖޫނިއަރ ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގައި ވިޔަރެއާލް އިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ޓޮޓްނަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލި ނަމަވެސް ދެވަނަ ހާފުގައި ޓޮޓްނަމް އިން ވަނީ ވިޔަރެއާލްގެ ހަމަލަތައް ހުއްޓުވާފަ އެވެ.
މި މެޗުން މޮޅުވުމާއިއެކު ޓޮޓްނަމް އިން ވަނީ ޔޫއެފާގެ މުބާރާތްތަކުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ކުޅުނު މެޗުގެ އަދަދު 21 އަށް އަރުވާފަ އެވެ.