ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލީބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕް ފަށައިފިއެވެ. މި ވޯކްޝޮޕް ކުރިއަށްދަނީ 1 ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރާގައެވެ.
މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ. އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި، އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް މީގެ ތެރެއިން ކިޔައިދެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތަށްވެސް މާލީ އިދާރާތައް މެދުވެރިކޮށް މި ވޯކްޝޮޕްގެ ތެރެއިން ކިޔައިދޭނެއެވެ. އަދި މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ވޯކްޝޮޕްގައި 700 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މި ވޯކްޝޮޕްގައި ވަނީ މީހުން ބައިވެރިވެފައެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
އަލީބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. އެކުންފުނީގެ ޚިދުމަތް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު މި ފްލެޓްފޯމް މެދުވެރުކޮށް އެކި ފަރާތްތަކުން ހޯދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެކަނި އަލިބާބާގައި 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާއިރު މިއީ ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.