ޚަބަރު

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ތަމްރީންކުރަން ކުރިމަތިލުމުގެ މުއްދަތު މިމަހުގެ ނިޔަލަށް


  • ޓްރެއިނަރުންގެ ތަމްރީންތައް އޮންނާނީ ޖެނުއަރީ މަހު

  • ތަމްރީންތަކުގެ ހުރިހާ ޚަރަދެއް ކުރިއަށްގެންދާނީ އިލެކްޝަންސް ކޮމިޝަނުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ތަމްރީންކުރުމަށްޓަކައި ހަރަކާތްތެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓްރެއިނަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މިކަމަށް ހުޅުވާލި މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވިއިރު، މިހާރު އެ މުއްދަތު ކޮމިޝަނުން މިވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު މިލްނާ މުޖުތަބާ ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ސިޓީތަކާއި އަތޮޅުތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 110 މީހުން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް 80 މީހުން އެ މަޤާމަށް ކުރިމަތިލާފައިވާކަމަށް މިލްނާ ވިދާޅުވިއެވެ. އަދި އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހު ތަމްރީން ޕްރޮގުރާމެއް މާލޭގައި ކުރިއަށް ގެންދެވޭނެކަމަށްވެސް މިލްނާ ވިދާޅުވިއެވެ.

"ޓްރެއިންނަރުންގެ އިތުރުން މިހާރު ކޮށްފައިވާ އިޢުލާނުތަކުގައި ޢުމުރުފުރާ ބަދަލުކުރަން އޮންނާނީ ނިންމާފައި. މިހާރު 18 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭ ގޮތަށް." މިލްނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ތަމްރީންކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓްރެއިނަރުންގެ ތަމްރީންތަކުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ޓްރެއިނަރުންގެ އުޖޫރަ:

• ތަމްރީނުކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/800 ރުފިޔާ
• ތަމްރީނުކުރުމުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 ރުފިޔާ
• ތަމްރީންތައް ނިމުމުން -/1400 ރުފިޔާ ދެވޭނެ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ.

ޓްރެއިނަރުކަމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ދި ޕްރެޒެންޓޭޝަން އޮންނާނީ އެކި ދުވަސްތަކަށް ބަހާލައިގެން އަންނަމަހުއެވެ.