ޚަބަރު

އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ގަސް އިންދުމުގެ ޕްރޮގުރާމެއް


  • ގަސް އިންދާފަވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • 60 އަހަރު ރަމްޒުކޮށްދެން 60 ގަސް އިންދި

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މި ހަރާކާތުގައި ފޮރިން މިނިސްޓްރީ އާއި އިންޑިޔަން ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެންވަނީ، ދެ ޤައުމުގެ ގުޅުމުގެ 60 އަހަރު ރަމްޒުކޮށްދިނުމަށް 60 ގަސް އިންދާފައެވެ.

ހޯމަ ދުވަހު ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމެވެ.

މީގެ އިތުރުން މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށްވެސް ބާރުލިބޭ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީން ވިދާޅުވީ ތިމާވެށީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، އެ ކުންފުނިން ޚާއްސަ އިސްކަމެއްދޭކަމަށެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭއަކީ ފެހި ތަނަކަށް ހަދާ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ.