ޚަބަރު

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ޢިލްމުވެރިންގެ ތަޢުރީފު


  • ރައީސްގެ ސިޔާސަތަކީ އިސްލާމް ދީނާ އެއްގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި ތަފާތު ނުކުރުން

  • މި ނިންމެވުމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން ޝަރުޢީ ދާއިރާއާއި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގައި އަޅައިގެން މަސައްކަތްކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްފީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލުކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މި ސިޔާސަތާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ވަނީ މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރަން ފަހިވާގޮތަށް އިސްލާހުކޮށްފައެވެ. އެއާއެކު މިހާރު މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސް ކޮންމެ މުވައްޒަފަކަށްވެސް މަސައްކަތްކުރެވޭނެއެވެ. އަދި މޫނު ބުރުގާ އަޅާ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަން ކުރިމަތިލުމަކަށްވެސް ހުރަހެއް ނެތެވެ.

މިކަން ފާހަގަކޮށް ރާއްޖޭގެ ދީނީ ޢިލްމުވެރިން އަންނަނީ ތަޢުރީފުކުރަމުންނެވެ. އެގޮތުން މިއީ ވަރަށް މުހިންމު ނިންމެވުމަށް ކަމަށާއި އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލެވޭނެކަމަށް ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރުތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް އެ ތުރާލަށް ނިމުން ގެނެސްދެއްވުމީ ވަރަށް ހެޔޮ ނިންމެވުމެއްގެ ގޮތުގައި ޢިލްމުވެރިން ވަނީ ސިފަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ރައީސް މުޢިއްޒަށާއި ސަރުކާރަށް ޝުކުރު ދެންނެވިއެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި އޮތް ތަފާތުކުރުން ނައްތާލުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މޫނުބުރުގާ އަޅައިގެން މަސައްކަތްކުރުމަށް އޮތް ހުރަސްތައް ނައްތާލުމަކީވެސް މިގޮތުން ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.