ޚަބަރު

ފަހު ވަގުތު ބާރންލީ އަތުން ލިވަޕޫލް ސަލާމަތްވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ އިން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

ބާރންލީގެ ދަނޑުގައި ކުޅުނު މި މެޗުން ކާމިޔާބު ކުރުމާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ލިބިފަ އެވެ.

ލިވަޕޫލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 24 ހަމަލައެއް އުފައްދާފަ އެވެ.

ބަރންލީ އިން ޑިފެންސަށް އިސްކަން ދީގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުގެ ގޯލުކީޕަރު މާޓިން ޑުބްރަވްކާ ވަނީ ނުރައްކާތެރި ހަމަލަތަކެއް މަތަކޮށްފަ އެވެ. އެގޮތުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެ އެވެ.

އަދި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ގިނައިރުތަކެއް ނުވަނީސް ފެޑެރީކޯ ކިއޭސާ ބޮލުން ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެލްކްސިސް މެކަލިސްޓަރ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ބަދަލުކޮށްފައިވާއިރު މި މެޗުގައި އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 125 މިލިއަން ޕައުންޑަށް ނިއުކާސަލް އިން ގެނައި އެލެކްޒެންޑަރ އިސާކް ކުޅެފައެއް ނުވެއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ބާރންލީގެ ލެސްލީ އުގޮޗުކްވޫ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ލަނޑެއް ޖެހިފައިނުވާއިރު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަސްވަނަ މިނިޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ހަނިބަލްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ވަނީ ލަނޑު ޖަހާ ލިވަޕޫލް އަށް ތިން ޕޮއިންޓް ހޯދަދީފަ އެވެ.