ޚަބަރު

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް: ސާއިދު ފުރަތަމަ ބުރު ނިންމާލީ އަހަރުގެ ބެސްޓް ޓައިމިންއަކާއެކު


ޖަޕާނުގެ ވެރިރަށް ޓޯކިޔާގައި ކުރިޔަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ބުރުގެ ހީޓު ތިނެއްގައި ވާދަކޮށް 100 މީޓަރު ދުވުމުގެ ސީޒަނަލް ބެސްޓް ޓައިމިންއެއް ހަދައިފިއެވެ.

އިއްޔެ ކުރިޔަށް ދިޔަ ޕްރިލިމިނަރީ ބުރުގައި ވާދަކުރި 8 އެތުލީޓުންގެ ތެރެއިން 10.84 ސިކުންތުން ރޭސް ނިންމައިގެން ސާއިދުވަނީ ހީޓުގެ ހަތަރުވަނަ ހޯދާފައެވެ.

މިއީ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ސާއިދު ވާދަކުރާ ހަތަރުވަނަ އަހަރެވެ. ސާއިދު ވަނީ މީގެ ކުރިން 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި މުބާރާތާއި 2017 ވަނަ އަހަރު ލަންޑަނުގައި ބޭއްވި މުބާރާތާއި 2022 ވަނަ އަހަރު އޮރެންގޯގައި ބޭއްވި މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.