ޔުއެފާ ޗެމްޕިއަންސް ލީގަށް ލިވަޕޫލްއިން އެކުލަވާލި ސްކޮޑުން އިޓަލީގެ ފޯވާޑް ފްޑެރީކޯ ކިއޭސާ ބާކީކޮށްފިއެވެ.
އޭނާ ބާކީކުރުމާ ގުޅިގެން ކުޅުންތެރިޔާގެ އެޖެންޓް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ލިވަޕޫލްއިން ވާހަކަ ދެއްކީ ކޯޗު އާނެ ސްލޮޓް އެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގަށް ލިވަޕޫލުން އެކުލަވާލި ސްކޮޑުން ކިއޭސާ ބާކީކުރުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.
"މިއީ އަހަރެންނަށް ވެސް ފަސޭހަ ނިންމުމެއް ނޫން. އޭނާ އަށް ވެސް މިކަން އެނގޭނެ. އެކަމަކު އޭނާ އަށް އަހަރެންގެ މި ނިންމުމުގެ ސަބަބުން އެބަ ވިސްނޭ. އެހެންވީމާ އޭނާ މަސައްކަތް ކުރާނީ ގްރޫޕް ސްޓޭޖަށް ފަހު ޓީމަށް ބަދަލު ގެންނައިރު ޖާގަ ހޯދުމަށް،" ކޯޗު ބުންޏެވެ.
ސްލޮޓް ބުނީ ހުސްވި ސީޒަނުގައި ލިވަޕޫލާ ގުޅުމަށްފަހު އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކުޅުންތެރިޔާ މި ސީޒަނުގައި އަންނަނީ ކުރިއަސްވުރެ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ. އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއަށް ފުރަތަމަ ގޯލެއް ޖަހައިދިނީވެސް މި ސީޒަނުގައެވެ.
ސްލޮޓް ބުނީ ކިއޭސާ ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީކުރި ނަމަވެސް މި ސީޒަނުގައި ލިވަޕޫލް ވާދަކުރާ އެހެން މުބާރާތްތަކުގައި އެހީވާން އޭނާ ހުންނާނެ ކަމަށެވެ. މިއީވެސް ކުލަބާއި ކުޅުންތެރިޔާއަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށްވާނެ ކަމަށް ވަނީ ބުނެފައެވެ.
ލިވަޕޫލްއަކީ މި ސީޒަނުގައި ޕްރިމިއަރ ލީގުން އެންމެ ބޮޑު ހޭދައެއްކޮށް ޓީމު ވަރުގަދަކުރި ޓީމެވެ. ހުސްވި ސީޒަނުގައި ހޯދި ތަށި ދިފާއުކުރުމަށް ލިވަޕޫލްއިން ވަނީ މި ސީޒަނުގައި 450 މިލިޔަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.