ކުއާލަ ލަމްޕޫރުގެ މަގުމަތިން ޓެކްސީ އަކަށް އެރީމެވެ. ޑްރައިވަރު އިނީ ހުދު ކުރުތާއެއް ލައިގެންނެވެ. އަހަރެންނާއެކު ތިބި މީހުންނާ ދިވެހި ބަހުން ވާހަކަ ދެއްކުމުން އޭނާ އެހީ ކޮންގައުމެއްތޯ އެވެ؟.
ދިވެއްސެއް ކަމަށް ބުނުމުން ޑްރައިވަރު ތައާރަފްވެފައި ބުނީ އޭނާ އަކީ ޕާކިސްތާނު މީހެއް ކަމަށެވެ.
އަހަރެން އިނީ ކުރީ ސީޓުގައި ކަމުން ވަގުތުން އޭނާއާ ސަލާމްކޮށްފައި އަހަރުމެންނަކީ އަހުން ކަމުގައި ބުނީމެވެ. އެއަށްފަހު އޭޝިއާ ކަޕުގައި މިއަދު އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗުގެ ވާހަކަ އޮޅުން ފިލުވީމެވެ.
އަޅުގަނޑު ގޮވައިގެން ދުއްވި ކާރުގެ ޓެކްސީ ޑްރައިވަރުގެ ނަމަކީ އިމްރާން ޚާން އެވެ. އެއީ ޕާކިސްތާނުގައި އުފެދުނު އެންމެ ވަރުގަދަ ކްރިކެޓް ކުޅުންތެރިޔާ އަދި ކުރީގެ ބޮޑު ވަޒީރުގެ ނަމެވެ. ޕާކިސްތާނަށް މިހާތަނަށް ކްރިކެޓުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1992 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. އެ ޓީމުގެ ކެޕްޓަންކަން ކުރީ މިވަގުތު ޖަލަށް ލާފައި ހުންނެވި ބޮޑުވަޒީރު އިމްރާން ޚާން އެވެ.
ޑްރައިވަރު އުމުރުން މިހާރު 51 އެވެ. އޭނާ އަށް ވަނީ އިމްރާން ޚާންގެ މޮޅު ކުޅުން ފެނުނު މީހެކެވެ. އޭނާގެ ބައްޕަ އަކީ އިމްރާންގެ ބޮޑު ސަޕޯޓަރެކެވެ. ބައްޕަ ފަދައިން ޑްރައިވަރުގެ އައިޑޮލް އަކީ އިމްރާނެވެ. ބުނީ އިމްރާން ޚާން ޖަލުގައި އޮތީ ކޮރަޕްޝަނާ ދެކޮޅު ހެދުމުން ސިޔާސީ އެހެން ލީޑަރުންގެ ރޭވުމެއްގެ ދަށުން ކަމަށެވެ.
ނަމަވެސް ޕާކިސްތާން ޓީމާމެދު އޭނާ ހުރީ މާޔޫސްކަމުގަ އެވެ.
"ޕާކިސްތާން ޓީމު އެހާ ރަނގަޅެއް ނޫން. އެކަމަކު އަހަރެންނަށް މި ނޫން ގޮތެއް ނެތް. ކަލެއަށް ވެސް ބޭނުން ޓީމަކަށް ސަޕޯޓް ކުރެވިދާނެ. އެކަމަކު އަހަރެންނަށް އޮތީ ޕާކިސްތާނަށް ސަޕޯޓް ކުރުން. އޭޝިޔާ ކަޕުގައި ކުޅޭ ޓީމުގައި މޮޅު ގިނަ ކުޅުންތެރިން ނެތް،" އޭނާގެ ހިޔާލު ފާޅު ކުރި އެވެ.
މި މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން އެބައޮތެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން ވެސް ބުނީ ސިޔާސީ ހިޔާލުތަފާތުވުންތައް އެއް ފަރާތްކުރުމަށް ފަހު ބޭނުންވަނީ ކްރިކެޓަށް ވިސްނުން ހުސްކޮށްލަން ކަމަށެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕާކިސްތާނުގެ ސައިމް އަޔޫބް ބުނީ ވިސްނުމަކީ އިންޑިޔާ ބަލިކުރުން އެކަނި ނޫން ކަމަށާއި ބޭނުންވަނީ މުބާރާތް ވެސް ކާމިޔާބު ކުރަން ކަމަށެވެ.
ނަމަވެސް ބެޓް ކުރުމާއި އުކުމަށް ވެސް އޭނާގެ ވިސްނުން ގެންގުޅެން ޖެހުމުން ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރާނެތޯ އެހުމުން އަޔޫން ބުނީ އެކަން އެގޮތަށް ނުވެވޭތޯ އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.
އިންޑިޔާގެ ޓީމުގައި މަޝްހޫރު ވިރާތް ކޯލީ އެއްވެސް ނެތެވެ. މިހެންވެ އެ ގައުމުގެ ސަޕޯޓަރުން ވެސް ކުރިން ނެގި ފޯރި މި ފަހަރު ނަގާތަނެއް ނުފެނެ އެވެ.
ނަމަވެސް ކޯޗު ބުނީ އިންޑިޔާއިން ޕާކިސްތާނާއެކު ކުޅޭ މެޗު ނަގާނީ އެހެން މެޗުތައް ފަދައިން ކަމަށާއި ކްރިކެޓް ނޫން ވިސްނުމެއް މި މެޗުގައި ނުގެންގުޅޭނެ ކަމަށެވެ.
އެކަމަކު އަޅުގަނޑާ ބައްދަލުވި ޓެކްސީ ޑްރައިވަރުގެ ހިޔާލު ތަފާތެވެ. އޭނާ ބުނީ ސިޔާސީ ގޮތުން ދެ ގައުމު އޮތް ހިސާބާއި ޕާކިސްތާނުގެ ކްރިކެޓްގައި ސިޔާސީ ކުލަވަރު ޖެހިފައި އޮތް މިންވަރަށް ބަލާއިރު އިންޑިޔާ އަތުން ބަލިވުން ސަޕޯޓަރުން ގަބޫލު ނުކުރާނެ ކަމަށެވެ.