ޚަބަރު

މަައިލޯ ޔޫތު އެޓޯލް ޗެމްޕިއަންޝިޕް ދުވާފަރުގައި ކާމިޔާބުކަމާއެކު ނިންމާލައިފި


އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން "މައިލޯ ޔޫތު އެޓޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި ރ. ދުވާފަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވައިފިއެވެ.

10 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އުމުރުފުރާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށި އާޖީލަކަށް އެކެޑަމީ 1-0 ބަލިކޮށްގެން ޅ. ހިންނަވަރު ލިލް އެކަޑަމީއެވެ.

12 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ދުވާފަރު ސްޕޯޓްސް ކުލަބު 2-1 ކުން ބަލިކޮށްގެން ޅ. ނައިފަރު އެޕެކްސް ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގެ މެޗުތައް ކުޅެފައިވަނީ ދުވާފަރު ދަންޑަހިލު ސްޓޭޑިއަމްގައެވެ.

ދުވާފަރުގެ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި މި މުބާރާތުގައި ބައިވެރިވީ ށ. މިލަންދޫ އެންއެފްއެން އެކަޑަމީ، ނ. ހޮޅުދޫ އެމްޔޫއެސްއޭ އެކަޑަމީ، ރ. ދުވާފަރުގެ ދުވާފަރު ސްޕޯޓްސް ކުލަބު އެކަޑަމީ، ރ. މީދޫ އުންމީދު އެކަޑަމީ، ބ. އޭދަފުށި އާ ޖީލަކަށް އެކަޑަމީ، ޅ. ނައިފަރު އެޕެކްސް އެކަޑަމީ އަދި ޅ. ހިންނަވަރު ލިލް އެކަޑަމީއެވެ.

މިއީ 10 އަހަރުން ދަށް އަދި 12 އަހަރުން ދަށުގެ ދެ ކެޓަގަރީންވެސް ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން އެންމެ މަތިން ޕޮއިންޓް ހޯދި ދެޓީމުގެ މެދުގައި ސެމީފައިނަލް ކުޅުމަށްފަހު ޓީމުތައް ފައިނަލަށް ދަތުރު ކުރާގޮތަށް ރޭވިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ.

ށ. ނ. ރ. ބ އަދި ޅ އަތޮޅުން ބޮޑު ތަރްހީބެއް ލިބިގެންދިޔައިރު މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިލްހާމް ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ރާވަމުންދާ ކަމަށާއި އަންނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވާނީ ބައިވެރިވާ އަތޮޅުތަކުގެ ޓީމުތަކަށް ދުވާފަރުގައި ތިބުމާއި ކެއުމުގެ ހަރަދުތައްވެސް ދުވާފަރުން ހަމަޖައްސައިދޭ ގޮތަށް ކަމަށެވެ.

މިހަފްތާ ބަންދުގައި ދުވާފަރުގައި މި ބޭއްވުނީ މީގެ ފުރަތަމަ މުބާރާތް ކަމަށާއި ކުރިޔަށް އޮތްތަނުގައި ހަފްތާ ބަންދާއެކު ތިނެއް ނުވަތަ ހަތަރު ދުވަހަށް ދެމިގެންދާ ޓޯނަމަންޓެއް ބޭއްވުމަށް ރާވަމުންދާކަމަށްވެސް އިލްހާމް ބުންޏެވެ.

ދުވާފަރު ޒުވާނުން އިސް ނަގައިގެން ތުއްތު ކުދިންގެ މެދުގައި ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދީ އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިއަރުވާ ވާދަވެރިކަން އުފައްދަން މި ފެށި މުބާރާތަކީ އަތޮޅުތަކުގެ އެކަޑަމީތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ފުޓްބޯޅައިން އާޖީލެއް ބިނާ ކުރުމާއެކު ބައިވެރިވާ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ފެށި މުބާރާތެކެވެ.