ޚަބަރު

އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން: ކުޅުންތެރިން ބުނީ އައު އުކުޅުތައް ދަސްވެއްޖެ ކަމަށް


ތަފާތު ސްޓައިލްތަކުގެ ބައިނަލްއަގުވާމީ ކުޅުންތެރިންނާ ވާދަކޮށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ހޯދިއްޖެ ކަމަށް އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ގެ ސިންގަލްސް އަދި ޑަބަލްސް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި ނަބާ ނިޝާން ބުނެފިއެވެ.

ރާއްޖޭގެ ޖޫނިއާ ކެޓަގަރީތަކުން ރަނގަޅު ކާމީޔާބީތަކެއް ހޯދަމުން އަންނަ ޓެނިސް ކުޅުންތެރިޔާ ނަބާ ބުނީ މި މުބާރާތަށް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުނު ކަމަށާއި، އެހެންނަމަވެސް ސްރީލަންކާގައި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެއްމަސް ދުވަހުގެ ފަރިތަކުރުންތައް ފުރިހަމަ ކުރެވުނު ކަމަށެވެ.

އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ނަމާވެސް މި މުބާރާތަށް އައީ ޗެމްޕިއަންކަން ހޯދުމުގެ އުންމީދުގައި ކަމަށާއި، އަދި އެންމެ ބޮޑު ގޯލަކީ މިފަދަ އައު މުބާރާތްތަކުން ހޯދޭނެ އެންމެ ރަނގަޅު ތަޖްރިބާތަކެއް ހޯދުން ކަމަށް ނަބާ ބުންޏެވެ.

އަދި ދެވަނަ ހަފްތާގައިވެސް އުންމީދަކީ ސިންގަލްސް އާއި ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދުން ކަމަށާއި، ފުރަތަމަ ހަފްތާގެ ކާމިޔާބީ ހާއްސަ ކުރާނީ ނަބާ މިހާރު ހިސާބަށް ގެނެސްދިން ހުރިހާ ކޯޗުންނާއި އޭނާގެ މައިންބަފައިންނަށް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަކޫ ކޯޗުގެ ނަން ފާހަގަ ކުރާ ކަމަށާއި، އެންމެ ފުރަތަމަ އޭނާއަށް ޓެނިހުގެ ފުރަތަމަ ސްޓެޕްތައް އުގަންނައިދީ، ޓެނިހުގައި ކާމިޔާބީ ހޯދިދާނެކަން ގަބޫލުކުރީ އޭނާގެ ފުރަތަމަ ކޯޗު ކަމަށް ނަބާ ބުންޏެވެ.

މި މުބާރާތުގެ ފުރަތަމަ ހަފްތާގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ސްރީލަންކާގެ ކުބެރަނެ މަޔޫން ބުނީ މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ރާއްޖެއައިސް މި މުބާރާތް ކުޅެވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ. އަދި މި މުބާރާތަށް އައީ ސިންގަލްސް އާއި ޑަބަލް ކެޓަގަރީންވެސް ޗެމްޕިއަންކަން ހޯދުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.

އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ފުރަތަމަ ހަފްތާގެ އަންހެން ޑަބަލްސް ކެޓަގަރީގެ ރަނަރަޕްކަން ހޯދި މަލްޝާ މުހައްމަދު ބުނީ މި މުބާރާތަކީ ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

އެގޮތުން ބައިނަލްއަގްވާމީ ކުޅުންތެރިންނާއި ވާދަކޮށް އެ ކުޅުންތެރިންގެ އުކުޅުތައް ދަސްކުރުމަށް މިއީ ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިއީ އެހެންގައުމުތަކަށް ދިވެހި ކުޅުންތެރިން ގޮސްގެން މުބާރާތްތައް ކުޅެން ދަސްކުރުމަށްވެސް ލިބޭ ފުރުސަތެއް ކަމަށް ދެފަހަރެއްގެ މަތިން އޭޓީއޭފް ޓެނިސް މުބާރާތުގައި ވާދަކޮށްފައިވާ މަލްޝާ ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިންވަނީ މިހާރު ކުރިޔަށްދާ އޭޓީއެފް މުބާރާތުގައި ބައިނަލްއަގްވާމީ ކުޅުންތެރިންނާއި ރަނގަޅު ވާދައެއްކޮށް ފައިނަލް އަދި ސެމީ ފައިނަލްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އޭގެތެރޭގައި ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންހޯދި ނަބާގެ ޕެއާގައި ހިމެނޭ މަންހާ މުހައްމަދު އަލީ އާއި ސިންގަލްސް ކެޓަގަރީގެ ރަނަރަޕްކަން ހޯދި ކިޔާރާ އުސާމާ އަލީ ފާހަގަކޮށްލެވެއެވެ. އަދި ޑަބަލްސް ރަނަރަޕްކަން ހޯދި މަލްޝާ މުހައްމަދާއި، އަޒިތާ އައިޝާ ޔާމީން އާއި އަދަމް އާލް ނިޔާޒް ފާހަގަ ކުރެވެއެވެ.

އޭޓީއޭފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ފުރަތަމަ ހަފްތާގައި އެކިގައުމުތަކުން ބައިވެރިވި 18 ފިރިހެން ކުޅުންތެރިންނާއި، 13 އަންހެން ކުޅުންތެރިން ވާދަކުރިއެވެ.