މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދިޔުމަކީ ޓެނިސް އެހެން ހަރުފަތަކަށް ގެންދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިހާރު މާލޭގައި ކުރިޔަށްދާ އޭޝިއަން ޓެނިސް ފެޑެރޭޝަންގެ ދެވަނަ މުބާރާތް، އޭޓިއޭފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ގެ ފުރަތަމަ ހަފްތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބަލައިގަންނަ ފުރަތަމަ މުބާރާތެއްގެ ގޮތުގައި އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މިއަހަރު ބޭއްވުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މުބާރާތް ރާއްޖޭގައި ބޭއްވިގެންދިޔައީ މިދިޔަ އަހަރު ބޭއްވި އޭޓީއެފް މުބާރާތަށްވުރެ ކުލަގަދަކޮށް ކަމަށެވެ.
ޓެނިހަކީ ދުނިޔޭގެ ވަރަށް މަޝްހޫރު ކުޅިވަރެއްކަމަށާއި، އެކަން ރާއްޖޭގެ ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ޓެނިސް ކޯޓުތަކުންވެސް ފާހަގަ ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުރިހާ ރިސޯޓުތަކެއްގައިހެން ގާތްގަނޑަކަށް ޓެނިސް ކޯޓުތައް ހެދެމުން އެދަނީ. އެހެންވީމަ ރާއްޖެއަކީ ޓެނިސް ކުޅެން، މުބާރާތްތައް ބޭއްވިގެންދާ ގައުމެއްކަން ހާމަވެގެން ވަރަށް ބޮޑަށް ގޮއްސި މިދިޔަ އަހަރާއި އަދި އަމުދުން މިއަހަރު އެ އިންޓަނޭޝަނަލް މުބާރާތްތައް އެ ގޮތަށް ބޭއްވިގެން ދިޔައީމަ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކުރިވަރުގެ ރޮނގުން ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ކުރިވަރުގެ ޒަރިއްޔާއިން އެކަން ކުރުމަށްޓަކައި ކުރެވޭ ވަރަށް ބޮޑު ސްޓެޕެކޭ މި ނެގިގެން މި ދިޔައީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ޓެނިސް މުބާރާތްތައް މިހާ ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އެއް އަހަރުން އަނެއް އަހަރަށް އެހެން ގައުމުތަކުން މި މުބާރާތްތަކަށް ލިބޭ ތަރުހީބު ބޮޑުވެގެންދާ ކަމަށެވެ.
"އޭގެ ހެއްކެއް އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން ގަބޫލުކުރާ މުބާރާތެއް މިއަހަރު މި ބޭއްވުނީ އަޅުގަނޑުމެންނަށް މުޅި ޓެނިސްގެ ހިސްޓްރީގައިވެސް ރާއްޖޭގައި" ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މިއީ ރާއްޖޭގެ ކުޅިވަރަށް ޖުމްލަކޮށް ބަލާއިރު އައި ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި ހާއްސަކޮށް ޓެނިހަށް އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.