މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 900 އަށްވުރެ ގިނަ ބަލި މީހުން ބަލައި، 80 އަށްވުރެ ގިނަ ސަރޖަރީތައްވަނީ ހަދާފައެވެ. މިއީ މާލެއަށް ނައިސް ރަށުގައި ތިބެގެން ސްޕެޝލިސްޓުންގެ އެހީތެރިކަމާއެކު ސިއްޙީ ފަރުވާ ލިބިގެންދިޔަ ފަރާތްތަކެވެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފާހަގަކުރައްވައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ލިބެން ނެތް ސިއްޙީ ޚިދުމަތް ހޯދުމަށް އެތައް ބަޔަކު މާލެއަށް ދަތުރުކުރަނީ އަސާސީ ޚިދުމަތެއް ހޯދުމަށެވެ. މިއީ ޚަރަދު ބޮޑު ދަތުރުތަކެކެވެ. އަދި މިއާއެކު މާލެ ސަރަޙައްދުގެ މައި ހޮސްޕިޓަލުތަކުގެ ކިޔު ބޮޑުވެ، ރަށްރަށުން އަންނަ ފަރާތްތަކަށްވެސް ކިޔުގައި ދިގު މުއްދަތެއް ހޭދަކުރަންޖެހި، ކުއްޔަށާއި ދަތުރަށް ކުރަންޖެހޭ ޚަރަދު އިތުރުވެގެންދެއެވެ. އެހެންކަމުން މިހާލަތަށް ބަދަލެއް ގެނައުމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާތަނަށް ރާއްޖޭގެ އާބާދީ ބޮޑު 4 ސަރަޙައްދެއްގައި ވަނީ އައުޓްރީޗް ޕްރޮގްރާމްގެ ޚާއްސަ ކޭމްޕްތައް ބާއްވާފައެވެ. މިކޭމްޕްތަކުގައި ބަލި މީހުން ބެލުމާއި ކޮންމެހެން ސަރޖަރީތައް ބޭނުންވާ ބަލި މީހުންންގެ ސަރޖަރީތައްވެސްވަނީ ކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، 4 ސަރަޙައްދެއްގައި ކޭމްޕް ކުރިއަށްގެންގޮސްފައިވާއިރު މީގެ ތެރެއިން 969 ބަލި މީހުން އޯޕީޑީގައި ބަލާފައިވާއިރު، އެކި ބަވަތުގެ 86 ސަރޖަރީ ހަދާފައިވާކަމަށެވެ. މިއީ މާލެ ނައިސް ރަށުގައި ތިބެގެން ޚިދުމަތް ލިބިގެންދިޔަ ފަރާތްތައްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ފޯކަސް މިއިންނަނީ ހަމައެކަނި ޑޮކްޓަރުން ވަޑައިގެން ސަރޖަރީތައް ހަދާލުމަކަށް ނޫން. އަދި އޯޕީޑީ ކޮންސަލްޓޭޝަންއަކަށްވެސް ނޫން. އެބޭފުޅުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮވޭ، އެސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރުން. އެއީ މިއިން ކޮންމެ ދަތުރެއްގައި އޯޕީޑީއާއި ސަރޖަރީތައް ހަދަމުން އަދި އޭގެ އިތުރަށް އެތަންތަނުގައި ތިއްބަވާ ޑޮކްޓަރުންނާއި ނަރުހުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް އެބަ ހިންގާ." ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ މިދަތުރުތަކުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖްމަންޓުންވެސް ރީޖަނަލް ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓުތަކާއި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި، އެހޮސްޕިޓަލްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލާ ބޭނުންވާ އެހީތެރިކަމާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ. ސީއީއޯ ވިދާޅުވީ، މި ޕްރޮގްރާމާއެކު ރަށްރަށުގެ ރައްޔިތުންނަށް މާލެނައިސް ސިއްޙީ ފަރުވާ ރަށުގައި ތިބެގެން ލިބުމުގެ އިތުރުން ހޮސްޕިޓަލްތައްވެސް އިތުރަށް ތަރައްޤީވަމުންދާކަމަށެވެ. އެހެންކަމުން މިއީ ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ސީއީއޯ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުތައްވަނީ މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވަނީ މިކޭމްޕް ބާއްވާފައެވެ.